އެމް.ޑީ.ޕީ ވިލިމާލެ ދާއިރާއިން ނެރޭ ނޫސްބަޔާން

އެމް.ޑީ.ޕީ ވިލިމާލެ ދާއިރާ
ކ.މާލެ

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާ ކުއްވެރިކުރުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، 6 މެއި 2021 ވަނަ ދުވަހުގެރޭ ދެވުނު ޓެރަރިޒަމްގެ ހަމަލާ، އެމް.ޑީ.ޕީ. ވިލިމާލެ ދާއިރާގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދެވުނު މި ދަށުދަރަޖައިގެ ނާތަހުޒީބީ އަދި ނުރައްކާތެރި ހަމަލާގެ މައްސަލައިގައި ދައުލަތުގެ އިދާރާތަކުން އަވަސް ފިޔަވަޅު އަޅައި، މި ޖަރީމާ ރާވާ، ހިންގި ފަރާތްތަކުގެ މައްޗަށް ހަރުދަނާ ތަޚްޤީޤެއް ހިންގުމަށް ދިވެހި ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަމެވެ. އަދި، މިފަދަ ޓެރަރިސްޓް ހަމަލާތަށް ތަޚްޤީގުކުރާ ބޭރުގެ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްވެސް ސަލާމަތީ ޚިދުމަތްތަކަށާއި ސަރުކާރަށް އިލްތިމާސްކުރަމެވެ. ހަމައެހެންމެ، ދިވެހި މި މުޖްތަމަޢުއިން މިބާވަތުގެ ފަނާކުރެވެނި ޓެރަރިސްޓު ފިކުރު ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި، އަވަހަށް ކުރުމަށް ސަރުކާރަށް ގޮވާލަމެވެ.
އަޅުގަނޑުމެންގެ ދުޢާއަކީ ރައީސް މުހައްމަދު ނަޝީދަށާޢި، މި ހަމަލާގައި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކަށް މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ. އަދި ފުރިހަމަ ސިއްހަތަކާއެކު ރައީސް ނަޝީދު އަވަސް މުސްތަޤްބަލެއްގައި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނުކުމެވޭނެ ގޮތް މިންވަރު ކުރެއްވުމެވެ.

25 ރަމަޝާން 1442
07 މެއި 2021

މުޙައްމަދު އިބްރާހީމް މަނިކު
ވިލިމާލެ ދާއިރާގެ ރައީސް