އެމް.ޑީ.ޕީ ހިތަދޫ ދެކުނު ދާއިރާއިން ނެރޭ ނޫސްބަޔާން

އެމް.ޑީ.ޕީ ހިތަދޫ ދެކުނު ދާއިރާ
އައްޑޫ ސިޓީ
ދިވެހިރާޢްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، 6 މެއި 2021 ވަނަ ދުވަހުގެރޭ އިރާކޮޅު ދެވުނު ޓެރަރިޒަމްގެ ހަމަލާ، ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަނުގައި އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދެވުނު މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ ޑިމޮކްރަސީއަށް އަމާޒުކޮށް މުޅި ދިވެހި ދަޢުލަތަށް ދިން ނުރައްކާތެރި ހަމަލާއެކެވެ. މި ބޮޑު ޖަރީމާ ހިންގި ފަރާތްތަކާއި، ރޭވި ފަރާތްތަކާއި، މި ޓެރަރިސްޓް ޢަމަލު ހިންގުމަށް ހަރަދު ކުރިފަރާތްތަކާއި، މިކަމަށް ވާގިވެރިވެ ހިތްވަރުދިން އެމެންހައި ފަރާތްތަކުގެ މައްސަލަ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަޚްޤީޤުކޮށް، އިންސާފުގެ ކުރިމައްޗަށް އެއެންމެން ގެނައުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަމެވެ. އަދި، މި ތަޚްޤީޤު ހަރުދަނާ ގޮތެއްގައި، ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރަމެވެ.
ރައީސް ނަޝީދަކީ ދިވެހި މި ޤަޢުމާ ރައްޔިތުންގެ ހެވާ ލާބައަށް ހިތްވަރުފުޅު ބަލިވުމެއްނެތި މަސައްކަތްކުރައްވަމުން ގެންދަވާ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ކޮރަޕްޝަނާއި ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް އެމަނިކުފާނު ކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ތަކުރާރުކޮށް އެކި ފަރާތްތަކުން އިންޒާރުތަކާއި ނުރައްކާތައް އެމަނިކުފާނަށް ކުރިމަތިކުރުވާފައިވެއެވެ. ނަމަވެސް އެމަނިކުފާނަކީ އެފަދަ ފިޑި ހަމަލާއެއްގެ ބިރުވެރިކަމަށް ދީލާލާނެ ބޭފުޅެއް ނޫންކަމަށް ވީއިރު، އެމަނިކުފާނަށް ދެވުނު މި ލާއިންސާނީ ހަމަލާއަކީ ސީދާ ދިވެހި ހުރިހާ ރައްޔިތުނަށް އަމާޒުކޮށް ދެވުނު ހަމަލާއެކެވެ.
ހިތަދޫ ދެކުނު ދާއިރާގެ ހުރިހާ ރައްޔިތުންގެ އިޚްލާސްތެރި ދުޢާ އަކީ މާތްﷲ ރައީސް ނަޝީދަށް އަވަސް ޝިފާއެއް މިންވަރުކުރެވުމެވެ. އަދި، މި ހަމަލާގައި އަނިޔާވި އެމަނިކުފާނުގެ ސެކިއުރިޓީ ބޭފުޅުންނަށާއި އާންމުގެ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުމެވެ.

25 ރަމަޝާން 1442
07 މެއި 2021