އެމްޑީޕީ ތ.ގުރައިދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާ ކުށްވެރި ކުރުން:
06 މެއި 2021 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމަކްރެޓިކް ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް އެމަނިކުފާނަށް ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާ ތ.ގުރައިދޫ، ތ.ދިޔަމިގިލި އަދި ތ.ގާދިއްފުށީ އެންމެހާ އެމްޑީޕީ މެންބަރުންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. މިރަހުމުކުޑަ އަނިޔާވެރި އަމަލަކީ އެމަނިކު ފާނުގެ ފުރާނަފުޅަށް ނުރައްކާކޮށް، ރާއްޖޭގެ އަމަން އަމާންކަން ނަގާލާ، ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލަން ދިން ހަމަލާއެއް ކަމުގައި ދެކެމެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ކޮރަޕްސަނާއި ވައްކަމާ ދެކޮޅަށް އަޑުއުފުލާ އަދި ރާއްޖޭގެ ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަން ހޯދައި ދިނުމަށް ވަރުބަލި ކަމެއްނެތި އަޑުއުފުލަމުން ގެއްދަވާ ހިތްވަރުގަދަ ލީޑަރެކެވެ. މިހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާ ލިބިފައި ވާކަމީ މިދާއިރާގެ އެންމެހާ މެންބަރުން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ. މިލާއިންސާނީ އަމަލު ރާވައި ހިންގި ބަޔަކު ހޯދައި، ގާނުނުގައި ދެވެންއޮތް އެންމެ ހަރުކަށި އަދަބެއްދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް މިދާއިރާގެ އެނމެހާ އެމްޑީޕީ މެންބަރުންގެ ފަރާތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ގޮވާލަމެވެ.
ރައީސް ނަޝީދަށާއި މިހަމަލާގައި އަނިޔާ ލިބުނު އެންމެހާ ފަރާތް ތަކަށް މާތް ﷲ ގެ އަވަސް ޝިފާއެއް ދެއްވައި ރައްކާތެރިކަން މިންވަރު ކުރެއްވުން އެދި ދުއާކުރަމެވެ.

ރަޤީބް އަލީ
ތ.ގުރައިދޫ ދާއިރާ ރައީސް