އެމް.ޑީ.ޕީ ތުޅާދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

އެމް.ޑީ.ޕީ ތުޅާދޫ ދާއިރާ
ބ. އަތޮޅު ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ
ދިވެހިރާޢްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، 6 މެއި 2021 ވަނަ ދުވަހުގެރޭ މާލޭސިޓީގައި ދެވުނު ޓެރަރިޒަމްގެ ހަމަލާ، އެމް.ޑީ.ޕީ. ތުޅާދޫ ދާއިރާގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދެވުނު މި ދަށުދަރަޖައިގެ ނާތަހުޒީބީ އަދި ނުރައްކާތެރި ހަމަލާގެ މައްސަލައިގައި ދައުލަތުގެ އިދާރާތަކުން އަވަސް ފިޔަވަޅު އަޅައި، މި ޖަރީމާ ރާވާ، ހިންގި ފަރާތްތަކާއި، ގޮތްތަކުގެ މައްޗަށް ހަރުދަނާ ތަޚްޤީޤެއް ހިންގުމަށް ދިވެހި ސަލާމަތީ ޚުދިމަތްތަކަށް ގޮވާލަމެވެ. އަދި، މިފަދަ ޓެރަރިސްޓް ހަމަލާތަށް ތަޚްޤީގުކުރާ ބޭރުގެ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ ބޭނުން އެންމެ ފުރިހަމަ މާނައިގައި ހިފުމަށްވެސް ސަލާމަތީ ޚިދުމަތްތަކަށާއި ސަރުކާރަށް އިލްތިމާސްކުރަމެވެ. ހަމައެހެންމެ، ދިވެހި މި މުޖްތަމަޢުއިން މިބާވަތުގެ ފަނާކުރެވެނި ޓެރަރިސްޓު ފިކުރު ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ހަރުކަށިކަމާއެކު ހަރުދަނާ ގޮތެއްގައި، އަވަހަށް ކުރުމަށްވެސް ސަރުކާރަށް ގޮވާލަމެވެ.
ރައީސް ނަޝީދަކީ ރައްޔިތުންގެ ބާރުވެރިކަމަށާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ހަރުދަނާކުރުމަށާއި، ކޮރަޕްޝަނާއި ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރެވުމުގައި ހިތްވަރުފުޅު ބަލިވުމެއްނެތި ދެމިހުންނެވި އަދި މި ފަދަ ފިޑި ހަމަލާއެއްގެ ބިރުވެރިކަމަށް ދީލާލާނެ ބޭފުޅެއް ނޫންކަމަށް ވީއިރު، އެމަނިކުފާނަށް ދެވުނު މި ލާއިންސާނީ ހަމަލާއަކީ ސީދާ ދިވެހި ހުރިހާ ރައްޔިތުނަށް އަމާޒުކޮށް ދެވުނު ހަމަލާއެކެވެ. ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެނެހެންދޫ ރައްޔިތުންގެ އިޚްލާސްތެރި ދުޢާ އަކީ މާތްﷲ ރައީސް ނަޝީދަށް އަވަސް ޝިފާއެއް މިންވަރުކުރެވުމެވެ. އަދި، މި ހަމަލާގައި އަނިޔާވި އެމަނިކުފާނުގެ ސެކިއުރިޓީ ބޭފުޅުންނަށާއި އާންމުގެ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަމެވެ.

25 ރަމަޝާން 1442
07 މެއި 2021