ޚުދުމުޚުތާރުވެރިކަމަކުން ޑިމޮކްރަސީއަކަށް ބަދަލުވި އިރު އެންމެ ހާލުގައި އޮތް ގައުމަކީ ދިވެހިރާއްޖެ ކަމުގައި ޒަކީ ވިދާޅުވެއްޖެ

30 ޖެނުއަރީ 2010

picture-462

ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ވެސް ޚުދުމުޚްތާރުވެރިކަމަކުން ޑިމޮކްރަސީއަށް ބަދަލުވި ގައުމުތަކުގެ ތެރެއިން ވެރިކަން ފުރޮޅާލެވުނު ހިނދު އެންމެ ހާލުގައި އޮތް ގައުމަކީ ދިވެހިރާއްޖެ ކަމުގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުކުރު ދުވަހުގެރޭ ތޮއްޑޫގައި ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތޮއްޑޫ ބޯޅަދަނޑުގައި ބޭއްވި މިޖަލްސާގައި ޒަކީ ވިދާޅުވީ އެމްޑީޕީން ދިވެހިރާއްޖޭގެ ވެރިކަން ހަމަ އެކަނި ބަދަލުކުރީ ނޫންކަމަށާއި، ވެރިކަންކުރާ ގޮތާއި ވެރިކަމުގެ ޘަޤާފަތާއި، ވެރިކަމުގެ ބައްޓަންވެސް އެމްޑީޕީން ބަދަލުކޮށްފައިވާ ކަމުގައެވެ.
” ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ދުނިޔޭގައި ޚުދުމުޚުތާރުވެރިކަމަކުން ޑިމޮކްރަސީއަށް ބަދަލުވި ގައުމުތަކުގެ ތެރެއިން ވެރިކަން ބަދަލުވިއިރު އެންމެ ހާލުގައި އޮތްގައުމަކީ ދިވެހިރާއްޖެ.” ޒަކީ ވިދާޅުވިއެވެ. ” އެމްޑީޕީން ބަދަލުކުރި ހަމައެކަނި ވެރިކަމެއް ނޫން. ވެރިކަމުގެ ޘަޤާފަތާއި، ވެރިކަންކުރާނެ ގޮތާއި، ވެރިކަމުގެ ބައްޓަންވެސް ބަދަލުކުރީ.”
ޒަކީ އިތުރަށް ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ އުސޫލުން ވެރިކަން ކުރުމުގެ ފައިދާ މިހާރުން މިހާރަށްވެސް ފެންނަމުންދާ ކަމުގައެވެ. އެގޮތުން ރަށްރަށުގެ ބަނދަރުހެދުމާއި ނެރު ފުންކުރުން ފަދަ މަޝްރޫޢުތައް މިހާރު ހިންގަނީ މަރުކަޒީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ނޫން ކަމަށާއި، އެރަށެއްގެ ރައްޔިތުން ބެނުންވާ ގޮތަށް ކަމުގައެވެ. އަދި އޭގެ މިސާލަކަށް ތޮއްޑޫގައި މިހާރު ފުންކުރެވެމުންދާ ހިތްގައިމު ނެރު ފުދޭ ކަމަށް ޒަކީ ވިދާޅުވިއެވެ. ޒަކީ އިތުރަށް ވިދާޅުވީ، ” މާލޭގެ ފިނިކޮޓަރީގައި ތިބޭ ބަޔަކު ވިސްނާ ވިސްނުމެއްގެ މައްޗަށް ރަށެއް ތަރައްޤީ ނުކުރެވޭނެ. މިރަށުގެ ތަރައްޤީ މިރަށަށް ގެނެވެން ޖެހޭނީ މިރަށުގެ ގޮނޑުދޮށުން.” ކަމުގައެވެ.

އެމްޑީޕީން ތޮއްޑޫއަށް މިކުރި ދަތުރުގައި ޒަކީ ވަނީ “އެމްޑީޕީ ޑައިވިންގ ޖަގަހައިގެ ނަމުގައި އެރަށުގައި ޖަގަހައެއް ވެސް ހުޅުއްވައި ދެއްވަވާފައެވެ. އަދި މިޖަގަހަ ހެދުމަށް މުޅިން ހިލޭ ބިންދެއްވެވި އއ. ތޮއްޑޫ އިރުދޭމާގޭ އާދަމް މަނިކަށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ތޮއްޑޫގެ އެމްޑީޕީ ސަޕޯޓަރުން ދެއްވި ހަނދާނީ ފިލާ އެފަރާތާ ހަވާލުކުރެއްވުމަށް ފަހު، ޒަކީ ވަނީ ތޮއްޑޫގެ އެމްޑީޕީ ސަޕޯޓަރުން ޕާޓީގެ ހަރަކާތްތައް ހިންގައި އުފާފާޅުކުރުމަށް އެފަދަ ފުރުޞަތެއް ފަހިކޮށްދިނުމުގައި އެހީތެރިވެދެއެވި އާދަމް މަނިކަށް ޝުކުރު އަދާކުރެއްވާފައެވެ.
މި ޢާންމު ޖަލްސާއަށް ތޮއްޑޫވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ. އަދި އެމްޑީޕީ ވަފްދުގެ ބޭފުޅުންނަށް ތޮއްޑޫން ކިޔާފައިވަނީ ނަމޫނާ މަރުހަބާ އެކެވެ. އެހާ ފުރިހަމަ މެހުމާންދާރީ އަކާއި އިންތިޒާމްތަކެއް ތޮއްޑޫގެ އެމްޑީޕީ ސަޕޯޓަރުން ކޮށްފައިވާތީ އެރަށުގެ ރައްޔިތުންނަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި ޒަކީގެ އަމިއްލަ ނަންފުޅުގައިވެސް ޒަކީ ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިޚްލާޞްތެރި ހެޔޮއެދުން އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވިއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހްގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވި މިދަތުރު ނިންމާލުމަށްފަހު އެމްޑީޕީގެ ވަފްދު މިއަދު ހެނދުނު ވަނީ މާލެ އައިސްފައެވެ.