އެމް.ޑީ.ޕީ ފޭދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުން މަޖިލީހުގެ ރައީސް، އަދި މި ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާ ކުއްވެރިކުރުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 6 މެއި 2021 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ދީފާއިވާ ޓެރަރިސްޓް ހަމަލާ، އެމް.ޑީ.ޕީ ސ. ފޭދޫ ދާއިރާގެ ލޮބުވެތި މެންބަރުންނާއި، ހިންގާ ކޮމެޓީ އަދި އެ މަނިކުފާނަށް ހެޔޮއެދި ވަޑައި ގަންނަވާ ފޭދޫ ގެ އެންމެހައި ރައްޔިތުން ގެ ނަމުގަައި ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

މި ހަމަލާއަކީ ދިވެހި ދައުލަތަށާއި ހުރިހާ ދިވެހިންނަށް ދެވުނު ހަމަލާއެއް ކަމުގައި ދެކެމެވެ. އަދި މި ފަދަ ޓެރަރިސްޓް ހަމަލާތަކުގެ ބޭނުމަކީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނާމާންކަން އުފައްދާ ދިވެހި ރާއްޖޭގެ ރައްޔިތުންނަށާއި އިގްތިޞާދަށް ގެއްލުންދީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އެމް.ޑީ.ޕީ އިސްވެއޮވެ ކުރަމުންދާ އިސްލާޙީ މަސައްކަތްތައް ހުއްޓުވުން ކަމުގައި ދެކެމެވެ.

އުދުވާނީ، މި ހަމަލާ، ރާވައި ހިންގުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ހޯދާ ފުރިހަމަ ތަހުގީގެއްކޮށް އެންމެ ހަރުކަށި އަދަބު ދިނުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލަމެވެ. އަދި ރައީސް މުޙައްމަދު ނަޝީދަށާއި، މި ހަމަލާގައި އެކިއެކި އަނިޔާ ލިބުނު އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.