ތޮއްޑޫ ދާއިރާއިން ނެރޭ ނޫސްބަޔާން :MDPTD-N/2021/05

ރައްޔިތުން މަޖިލީހުގެ ރައީސް، އަދި މި ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްދިން ނިރުބަވެރި ހަމަލާ ކުއްވެރިކުރުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 6 މެއި 2021 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ދީފާއިވާ ނިރުބަވެރި ހަމަލާ އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާގެ އެންމެހައި މެންބަރުންނާއި އެ މަނިކުފާނަށް ހެޔޮއެދޭ އެންމެހައި ރައްޔިތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި މި ހަމަލާގެ ޙަބަރު އަޅުގަނޑުމެން އެހީ ކުއްލި ސިހުމާއި ފުން ހިތާމައާއި އެކުގައެވެ. ހަމަ އެހެންމެ، މި ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާ ލިބިފައިވާކަމީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް ކަމުގައި ދަންނަވަމެވެ.
މި ހަމަލާއަކީ ދިވެހި ދައުލަތަށާއި ހުރިހާ ދިވެހިންނަށް ދެވުނު ހަމަލާއެއް ކަމުގައި ދެކެމެވެ. އަދި މި ފަދަ ނިރުބަވެރި ހަމަލާތަކުގެ ބޭނުމަކީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނާމާންކަން އުފައްދާ ދިވެހި ރާއްޖޭގެ ރައްޔިތުންނަށާއި އިގްތިޞާދަށް ގެއްލުންދީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އެމް.ޑީ.ޕީ އިސްވެއޮވެ ކުރަމުންދާ އިސްލާޙީ މަސައްކަތްތައް ހުއްޓުވުން ކަމުގައި ދެކެމެވެ.
މި ނުރައްކާތެރި ހަމަލާގެ ވަގުތުގައި ހައްދުފަހަނައަޅާ ދިއުމާއި ނިރުބަވެރި ހަމަލާތަކަށް ބާރު ލިބޭ ގޮތަށް މި ޕާޓީއާއި މި ޕާޓީގެ މެންބަރުންނާއި މެދު ނަފްރަތު އުފައްދައި، ދީނުން ބޭރުކޮށް ލޭ ހުއްދަކަމަށް ވަކާލާތު ކުރާ އެކިއެކި ފަރާތްތަކާއިމެދު އިތުރަށް ފާރަވެރިވެ، އެފަދަ ފަރާތްތައް އިސްލާހު ކުރުމުގެ ޤައުމީ ކެމްޕެއިނެއް ކަމާގުޅޭ އެންމެހައި އިދާރާތަކުން ފެށުމަށް އަޅުގަނޑުމެން ގޮވާލަމެވެ.
ނިރުބަވެރި މި ހަމަލާ ރާވާ ހިންގުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ހޯދާ ފުރިހަމަ ތަހުގީގެއްކޮށް އެންމެ ހަރުކަށި އަދަބު ދިނުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލަމެވެ. އަދި ރައީސް މުޙައްމަދު ނަޝީދަށާއި، މި ހަމަލާގައި އެކިއެކި އަނިޔާ ލިބުނު އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ހަސަން ޝިޔާން
އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާގެ ރައީސް