އެމް.ޑީ.ޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ބަޔަކު މިރޭ މިހިންގި ފިނޑި ޓެރަރިސްޓް އަމަލު ފުވައްމުލައް ސިޓީގެ އެމް.ޑީ.ޕީގެ މެންބަރުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި މިފަދަ ޓެރަރިސްޓް އަމަލުތަކާއި ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އަޑު އުފުލާނެ ކަމުގައި ދަންނަވަމެވެ. މިފަދަ އަމަލު ތަކަކީ މި ދިވެހި ފަސްގަނޑުގައި އެއްވެސް ގޮތަކަށް ޖާގަ ދެވިގެން ވާނޭ އަމަލުތަކެއް ނޫނެވެ. އެހެންކަމުން މި ފިނޑި ޓެރަރިސްޓް ހަމަލާ ދިނުމުގައި ބައިވެރިވި ހުރިހާ އެންމެން ހޯދާ އެންމެ ހަރުކަށި އަދަބު ދިނުމަށް ފުވައްމުލައް ސިޓީގެ އެންމެހައި އެމް.ޑީ.ޕީ މެންބަރުންގެ ނަމުގައި ގޮވާލަމެވެ.
މިނުރައްކާތެރި ހަމަލާއަކީ މިރާއްޖޭގެ ސުލްހަ މަސްލަސްކަން ނަގާލާ މިރާއްޖޭގައި ހަރުކަށި ފިކުރު ހިންގުމަށް ބަޔަކު އަޑީގައި ތިބެގެން ރާވަމުން ގެންދާ އަމަލުތަކުގެ ތެރެއިން އަމަލެއް ކަމުގައި ދެކެމެވެ. އަދި މިއީ މުޅި ދިވެހި ދަޢުލަތަށާއި ސަރުކާރަށް ދެވުނު ފިނޑި އަމަލެއް ކަމުގައި ދެކެމެވެ. މިއީ މުޅި ދިވެހި ޤައުމަށް ކުރިމަތިވި ނުހަނު ހިތާމަވެރި ކަޅު ދުވަހެއް ކަމުގައި ނޫނީ ނުވާނެއެވެ.
މިހިތްދަތި ވަގުތުގައި ފުވައްމުލައް ސިޓީގެ އެންމެހައި އެމް.ޑީ.ޕީ މެންބަރުންގެ ނަމުގައި ރައީސް ނަޝީދާއި މިހާދިސާގައި ޒަހަމްވި އެހެން ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި މާތްﷲ އަށް ދުޢާ ދަންނަވަމެވެ.
މުޚައްމަދު ޚާލިސް ޝަރީފު
ދެކުނު ޕްރޮވިންސް ރައީސް