އެމް.ޑީ.ޕީ މައްޗަންގޮޅި މެދު ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖްލިސްގައި މައްޗަންގޮޅި މެދުދާއިރާ ރަމްޒު ކުރައްވާ އިއްޒަތްތެރި މެމްބަރ އަދި ރައްޔިތުން މަޖްލިސްގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިރޭ ދެވުނު ޓެރަރިޒަމްގެ ހަމަލާއާ ގުޅޭ.

މިދާއިރާގެ އިއްޒަތްތެރި މެމްބަރ ރައީސް މުހައްމަދު ނަޝީދަކީ މިދާއިރާ ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖްލިސްގައި ސާބީތުކަމާ އެކު އުފުއްލަވާ ދެއްވަމުން ގެންދަވާ ދާއިރާގެ އެންމެން އެބޭފުޅަކަށްޓަކާ ފަޚްރުވެރިވާ މެމްބަރެވެ. މިދާއިރާގެ ރައްޔިތުން ދެކޭގޮތުގައި އެމަނިކުފާނުގެ ހަށިކޮޅަށް ސީދާ އަމާޒުކޮށް މިރޭ ދެވުނު ޓެރަރިސްޓް ހަމަލާއަކީ ޤައުމުގެ މިނިވަންކަމާ ރައްޔިތުންގެ ހަމަޖެހުން ނަގާލުމުގެ މަގުސަދުގައި ބަޔަކު ދުރާލާ ރާވައިގެން ހިންގާފައިވާ ފިނޑި އަމަލެކެވެ. މިފަދަ ފިނޑި އަމަލަކުން ރައްޔިތުންގެ ލާބަޔަށާ ގައުމުގެ ކުރިއެރުމަށް އަދި ވައްކަމާ ދެކޮޅަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ހުއްޓުވާނުލެވޭނެކަން ހާމަކުރާހިނދު, ދާއިރާގެ ރައްޔިތުން އެމަނިކުނުފާނު އަރިހު ސާބިތުވެ ތިބޭނެކަން ހާމަކުރަމެވެ.

މިފިނޑި އަމަލު ތަޙްގީކޮށް މިހަމަލާރާވާ ހިންގި އެންމެހާފަރާތްތަށް ހޯދާ ހައްޤުއަދަބުދިނުމަށް ކަމާބެހޭ އެންމެހާއިދާރާތަކަށް މައްޗަންގޮޅި މެދުދާއިރާގެ ރައްޔިތުންގެނަމުގައި ގޮވާލަމެވެ.

ދާއިރާ ރައްޔިތުންގެ ދުވާއަކީ , ރައީސް މުހައްމަދު ނަޝީދަށާ މި ހަމަލާގައި އަނިޔާވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް الله ސ.ވ މިންވަރު ކުރެއްވުމެވެ.

އިބްރާހީމް ރިޔާޒު
ދާއިރާ ރައީސް