އެމްޑީޕީ މައްޗަންގޮޅި އުތުރު ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލިސް ގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިޒަމްގެ ހަމަލާ ކުއްވެރިކޮށް މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސްގެ ފަރާތުން ނެރޭ ނޫސްބަޔާން

6 މެއި 2021 ގެ އިރާކޮޅުވަގުތެއްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް އެމަނިކުފާނަށް ދިން ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާ މައްޗަންގޮޅި އުތުރު ދާއިރާގެ އެމް.ޑީ.ޕީ މެމްބަރުން ގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. މި ރަހުމްކުޑަ އަނިޔާވެރި އަމަލަކީ ޤައުމުގެ އަމާންކަން ނަގާލައި، ރާއްޖޭގެ އިގްތިޞާދު ހީނަރު ވެފައިވީ ވަގުތެއްގައި ރައްޔިތުންނަށް ދެވުނު ވަރަށް ބޮޑު ނިކަމެތިކަމެއްކަމުގައި ފާހަގަކުރަމެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ރާއްޖޭގެ ރައްޔިތުންނަށް އިންސާފައި ހަމަހަމަކަން ގެނެސްދީ އަދި ވައްކަމާއި ދެކޮޅަށް ވަރުބަލިފުޅުކަމެއްނެތި އަޑު އުފުލަމުން ގެންދަވާ ހިއްވަރުގަދަ ލީޑަރެކެވެ. މި ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާ ލިބިފައިވާކަމީ މި ދާއިރާގެ ރައްޔިތުން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާކަމެކެވެ. މި ލާއިންސާނީ އަމަލު ރާވައި ހިންގި ބަޔަކު ހޯދައި އެފަރާތްތަކާމެދު ފުރިހަމަ އަވަސް ތަހުގީގެއް ހިންގައި ޝަރީޢަތަށް ޙާޟިރުކޮށް އެފަރާތްތަކަށް ހައްޤު އަދަބު ދިނުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ އެމް.ޑީ.ޕީ މެމްބަރުންގެ ފަރާތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.
ރައީސް މުހައްމަދު ނަޝީދަށާއި އެމަނިކުފާނުގެ ހަށިފާރަވެރިންނަށް އަދި އަނިޔާ ލިބުނު އެހެން ފަރާތްތަކަށް ﷲ ސ.ވ އަވަސް ޝިފާއެއް ދެއްވައި ރައްކާތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ.

ހަސަން އިޢާދު ސަލީމް
މައްޗަންގޮޅި އުތުރު ދާއިރާ