އެމްޑީޕީ މަޑުއްވަރި ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުން މަޖިލީހުގެ ރައީސް، އަދި މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ކުއްވެރިކުރުން.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުންމަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 6 މެއި 2021 ދުވަހުގެރޭގެ ވަގުތެއްގައި، ދީފައިވާ ޓެރަރިޒަމްގެ ހަމަލާ އެމް. ޑީ. ޕީ މަޑުއްވަރީ ދާއިރާގެ މެންބަރުންނާއި ރައްޔިތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި މިޙަމަލާގެ ޚަބަރު އަޅުގަނޑުމެން އެހީ ކުއްލި ސިހުމާއި ހިތާމައާއެކު އެވެ. ހަމަ އެހެންމެ މިހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާ ލިބިފައިވާކަމީ އަޅުގަނޑުމެން އެކަމާ ނުހަނު ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމުގައި ދަންނަވަމެވެ.

މިހަމަލާއަކީ ދިވެހި ދައުލަތަށާއި ހުރިހާ ދިވެހިންނަށް ދެވުނު ޙަމަލާއެއް ކަމުގައި ދެކެމެވެ. އަދި މިފަދަ ޓެރަރިޒަމްގެ ޙަމަލާތަކުގެ ބޭނުމަކީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނާމާންކަން އުފައްދާ ދިވެހިރާއްޖޭގެ ރައްޔިތުންނާއި އިޤްތިޞާދަށް ގެއްލުން ދީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އެމް.ޑީ.ޕީ އިސްވެ އޮވެ ކުރަމުންދާ އިސްލާޙީ މަސައްކަތްތައް ހުއްޓުވުން ކަމުގައި ދެކެމެވެ.
މި ނުރައްކާތެރި ޙަމަލާގެ ވަޤުތުގައި ހައްދުފަހަނަ އަޅާ ދިއުމާއި ނިރުބަވެރި ޙަމަލާތަކަށް ބާރުލިބޭގޮތަށް މި ޕާޓީއާއި މި ޕާޓީގެ މެމްބަރުންނާއި މެދު ނަފްރަތު އުފައްދާ، ދީނުން ބޭރުކޮށް ލޭހުއްދަކަމަށް ވަކާލާތު ކުރާ އެކި އެކި ފަރާތްތަކާއި މެދު އިތުރަށް ފާރަވެރިވެ، އެފަދަ ފަރާތްތައް އިސްލާޙު ކުރުމުގެ ޤައުމީ ކެމްޕެއިނެއް ކަމާގުޅޭ އެންމެހާ އިދާރާތަކުން ފެށުމަށް އަޅުގަނޑުމެން ގޮވާލަމެވެ.
ޓެރަރިޒަމްގެ މިޙަމަލާ ރާވައި ހިންގުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ހޯދާ ފުރިހަމަ ތަހުޤީގެއްކޮށް އެންމެ ހަރުކަށި އަދަބު ދިނުމަށް ދަޢުލަތުގެ އިދާރާތަކަށް ގޮވާލަމެވެ. އަދި ރައީސް މުޙައްމަދު ނަޝީދަށާއި މިހަމަލާގައި އެކިއެކި ހާނީއްކަތައް ލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުންއެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.

މޫސާ ޢަލީ މަނިކު
މަޑުއްވަރީ ދާއިރާގެ ރައީސް