އެމްޑީޕީ މަނަދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުން މަޖިލީހުގެ ރައީސް، އަދި މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ކުއްވެރިކުރުން.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުންމަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 6 މެއި 2021 ދުވަހުގެރޭގެ ވަގުތެއްގައި، ގޮވާ އެއްޗެއް ބޭނުންކޮށްގެން ދީފައިވާ ޓެރަރިޒަމްގެ ހަމަލާ އެމް. ޑީ. ޕީ މަނަދޫ ދާއިރާގެ ތިން ރަށުގެ(މަނަދޫ، މާފަރު، ލަންދޫ) އެމްޑީޕީ މެންބަރުންނާއި ރައްޔިތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހަށިކޮޅަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދިނުމުން ދޭހަވަނީ، މިހަމަލާއަކީ ދިވެހި ދައުލަތުގެ ހިނގުމަށް ލޮޅުން އަރުވާލައި ޤާނޫނުހަދާ މަޖިލީހުގެ ބާރުކަނޑުވާލުމަށް ދެވުނު ނާތަހުޒީބު ފިނޑި ޢަމަލެއްގެ ގޮތުގައެވެ.
އަދި މިހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާ ލިބިފައިވާކަމީ މިދާއިރާގެ ރައްޔިތުން އެކަމާ ނުހަނު ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމުގައި ދަންނަވަމެވެ.
މާތްވެގެންވާ ރަމްޟާން މަހުގެ ފަހުދިހައިގައި މިހަމަލާ ދިނުމުން ދޭހަވަނީ، މިހަމަލާއަކީ އިސްލާމްދީނާއި ބީރައްޓެހި އަދި ހައްގަކާނުލައި ދިވެހިރައްޔިތުންގެ ލޭއޮހޮރުވައި ބިރުގަންނުވައި ރާއްޖޭގެ ތަސައްވަރު ކިލަނބުކުރުމަށް ދެވުނު ލާއިންސާނީ ހަމަލާއެއްގެ ގޮތުގައެވެ.
ޓެރަރިޒަމްގެ މިހަމަލާ ރާވައި ހިންގުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ހޯދާ ފުރިހަމަ ތަހުޤީގެއްކޮށް ޝަރީޢަތަށް ޙާޟިރުކޮށް ހައްޤު އަދަބު ދިނުމަށް ކަމާގުޅޭ އެންމެހާ އިދާރާތަކާއި މުވައްސަސާތަކަށް ގޮވާލަމެވެ.
އަދި ރައީސް ރައީސް މުޙައްމަދު ނަޝީދަށާއި މިހަމަލާގައި އެކިއެކި ހާނީއްކަތައް ލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުންއެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާދަންނަވަމެވެ.

ޢަލީ މާޖިދު
އެމްޑީޕީ މަނަދޫ ދާއިރާގެ ރައީސް

އަޙުމަދު ޙާރޫން
މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު