ރޭގައި ކުރި މުޒާހަރާގައި ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ހިންގި ޢަމަލާމެދު އެމް.ޑީ.ޕީ އިން ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅުއެޅުމަށް ގޮވާލާ ނެރޭ ނޫސްބަޔާން

ރޭގައި މާލޭގައި ޒުވާނުންތަކެއް ކުރި ސުލްޙަވެރި މުޒާހަރާއެއްގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެމީހުންގެ ތެރެއިން ބައެއް މީހުންގެ ލޮލަށް ކައިރިމިނުން ޕެޕަރ ސްޕްރޭ ޖަހައި ފުލުހުން ހިންގި ޢަމަލާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަންބޮޑުވުން ފާޅުކޮށް، އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ. އަދި މި މައްސަލަ ބަލައި ފިޔަވަޅުއެޅުމަށް ކަމާ ބެހޭ މުވައްސަސާތަކަށް ގޮވާލަމެވެ.

ސުލްޙަވެރިކަމާއެކު ރޭގައި މުޒާހަރާކުރި މީހުން އަޑުއުފުލަމުން ގެންގޮސްފައިވަނީ މަސައްކަތްތެރިންގެ ޙައްޤުތަކާ މެދުގައާއި އަދި މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ފުރައްސާރައާ ދެކޮޅަށްކަން ފާހަގަކުރަމެވެ. މިފަދަ ކަންކަމުގައި ސުލްޙަވެރިކަމާއެކު އަޑުއުފުލުމަށާއި ޚިޔާލުފާޅުކުރުމަށް ހުރަސްއަޅައި، ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމަކީ މި ޕާރޓީން އަބަދުވެސް ދެކޮޅުހަދާކަމެކެވެ.

ސުލްޙަވެރިކަމާއެކު މުޒާހަރާކޮށް އަޑުއުފުލުމުން، ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އަދި ތަޅައި އަނިޔާވެރިވުމަށްފަހު ޖަލަށްލުމުން ލިބޭ ވޭނާއި އަނިޔާ އެންމެ ބޮޑަށް ތަކުރާރުކޮށް ތަޙައްމަލުކުރި ބަޔަކަށް މި ޕާރޓީގެ މެމްބަރުން ވީހިނދު، މިފަދަ ޢަމަލުތަކާ ދެކޮޅުހެދުމުގައި މި ޕާރޓީ އަބަދުވެސް ދެމިއޮންނާނެއެވެ. އަދި މި ޕާރޓީ ބިނާވެގެންވާ އަސާސްތަކަކީ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރުމާއި އަނިޔާވެރިވުމާއި ދެކޮޅުހެދުމުގެ މައްޗަށެވެ.

ޑިމޮކްރެޓިކް ވެރިކަމެއްގައި ފުލުހުންގެ ޚިދުމަތް ވާންޖެހޭނީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ވިސްނުމުގެ މައްޗަށް ތަމްރީނުލިބިފައިވާ ޕްރޮފެޝަނަލް ޚިދުމަތަކަށެވެ. އަދި ފުލުހުން ޤާނޫނާ ޚިލާފުވާ ޙާލަތްތަކުގައާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރާ ޙާލަތްތަކުގައި ޖަވާބުދާރީ ކުރުވޭ، ރައްޔިތުންނަށް އިތުބާރުހިފޭ ބަޔަކަށް ފުލުހުން ވާންޖެހޭނޭކަމަށް ޤަބޫލުކޮށް، އެކަމަށް މި ޕާރޓީން ބާރުއަޅަމެވެ. މި ޕާރޓީގެ ސިޔާސަތާ އެއްގޮތަށް މިކަންކަން ކަށަވަރުކުރުމަށް ފުލުހުންގެ ޤާނޫނަށް މިހާރު ވާނީ ބޮޑެތި ބަދުލުތަކެއް ގެނެސްފައިކަން ފާހަގަކުރަމެވެ.

އަދި ރޭގައި ފުލުހުން ހިންގި ޢަމަލާމެދު ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާކުރުމުގެ ގޮތުން މަޖިލީހަށް އެ މައްސަލަ ވަނީ ހުށަހަޅާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާފައިވާއިރު، ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ވެސް، އެ ކޮމެޓީގެ މުޤައްރިރު ޖީހާން މަޙްމޫދު ވަނީ އެ މައްސަލަ ހުށަހަޅުއްވާފައިކަން ފާހަގަކުރަމެވެ. އަދި ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލު އަޙްމަދު ނަސީމު، އެ މައްސަލާގައި ވަޒީރާ ސުވާލުކުރެއްވުމަށް ވެސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.