އިއުލާން MDP/2021/005

ދާއިރާ އިންތިޚާބު 2021 އާއި ގުޅޭގޮތުން ޤައުމީ ހިންގާ ކޮމެޓީން ނިންމި ނިންމުން

24 އޭޕްރީލް 2021 ވީ (ހޮނިހިރު) ދުވަހުގެރޭ ބޭއްވި މިޕާޓީގެ ޤައުމީ ހިންގާ ކޮމިޓީގެ މިއަހަރުގެ އެއްވަނަ ބައްދަލުވުމުގައި ކުރިއަށް އޮތް މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބާ ގުޅޭގޮތުން އަންނަނިވި ކަންކަން ވަނީ ނިންމާފައެވެ.
ޤައުމީ ހިންގާ ކޮމިޓީގެ ނިންމުންތައް:
29 މެއި 2021 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި އެކިއެކި މަޤާމްތަކަށް ކުރިމަތިލާ މިޕާޓީގެ މެންބަރުންނަކީ އަންނަނިވި ކަންކަމުން ބަރީއަވެގެންވާ ބައެއްކަމުގައި ވުމީ މިޕާޓީގެ އަސާސީ ޤަވާޢިދުގައިވާ އުޞޫލުތައް ދެމެހެއްޓުމަށް ބޭނުންތެރިކަމެކެވެ. އެހެންކަމުން އެ ކެނޑިޑޭޓުންނަކީ އަންނަނިވި ކުށް/ކުށްތައް ކޮށްފައިވާ މީހެއްކަމުގައި ވެގެން ނުވާނެ ކަމަށް ވަނީ އެކޮމިޓީން ނިންމާފައެވެ.

1- ޤާނޫން ނަންބަރު (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގައި ބަޔާން ކުރާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރެއިން އަންނަނިވި ކުށްތައް:
(ހ) މީހަކު މެރުމުގެ ކުށް
(ށ) ރޭޕްކުރުމުގެ ކުށް
(ނ) ކުޑަކުދިންނާމެދު ޖިންސީ ގޯނާ ކުރުމުގެ ކުށް
2- ޖިންސީ ފުރައްސާރައިގެ ކުށުގެ މައްސަލަތަކުގެ ތެރެއިން ތަޙްޤީޤު ނިމި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅިފައިވާ ފަރާތްތައް.
3- “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ” އާއި “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ޑެތްސް އެންޑް ޑިސްއެޕިއަރަންސް” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރިކަމަށް ނުވަތަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތައް؛
4- އެމް.އެމް.ޕީ.އާރް.ސީ ގެ ޚިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅުއަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތައް؛
މީގެ އިތުރުން،
5- އެކިއެކި މަޤާމުތަކަށް ވާދަކުރެވޭނީ، ދާއިރާތަކުގެ މަޤާމުތަކަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލި ތާރިޚު (24 އޭޕްރީލް 2021) އާ ހަމައަށް މަދުވެގެން 01 އަހަރު ދުވަހުގެ މުއްދަތަށް މިޕާޓީގެ މެންބަރެއްގެ ގޮތުގައި ތިބި މެންބަރުންނަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.