30 ޖެނުއަރީ 2010
ހުކުރު ދުވަހުގެރޭ ތޮއްޑޫ ބޯޅަދަނޑުގައި ބޭއްވި މި ކާމިޔާބު ޖަލްސާގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީގެ އިތުރުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހުއާއި، އއ. އަތޮޅު ކައުންސެލަރާއި، ތޮއްޑޫ ކަތީބު މުހައްމަދު ނަސީމް އާއި، ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް ހުސްނުއްސުއޫދާއި، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ޢާއި މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކުގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.
ބަންޑާރަ ނައިބު ހުސްނުއްސުޢޫދު
ބަންޑާރަ ނައިބުގެ ވާހަކަފުޅުގައި އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާއިން ގިނަ ކާމިޔާބީ ތަކެއް ހޯދުމުގެ އިތުރުން މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމުގައި މި ސަރުކާރު ހޯދާފައިވާ ކާމިޔާބީ އަކީ ފަޚުރުވެރިވުން ހައްގު ކާމިޔާބީ އެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުށްކުރުން ހުއްޓުވުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ މާލެ ތޮއްޖެހުން ކުޑަކޮށް ލާމަރުކަޒީ އުސޫލުން ޕްރޮވިންސްތަކުގައި މަރުކަޒީ ރަށްތަކެއް ގާއިމްކުރުން ކަމުގައި ވިދާޅުވިއެވެ.
އއ. އަތޮޅު ކައުންސެލަރ މޫސާ ނަޢީމް އަދި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޠޯރިޤް
އއ. އަތޮޅު ކައުންސެލަރ މޫސާ ނައީމްގެ ވާހަކަފުޅުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ގިނަ އަދަދެއްގެ ފޯމުތައް ރަޖިސްޓްރީގައި ހިމެނިފައިނުވާ ކަމަށް ވިދާޅުވި އިރު، މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޠޯރިޤްގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ތޮއްޑޫގެ ތާރީޚާއި، ޒަމާނުއްސުރެ އެރަށު ރައްޔިތުންގެ ކިބައިން ފެންނަ އެއްބައިވަންތަ ކަމުގެ މައްޗަށެވެ. މީގެ އިތުރުން ޠޯރިޤްގެ ވާހަކަފުޅުގައި ލާމަރުކަޒީ ބިލުގެ މުހިއްމު ކަމުގެ މައްޗަށްވެސް ބައްލަވާ ލެއްވިއެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު ޢީސާ
އަހުމަދު އީސާގެ ވާހަކައިގައި މަޖިލިސް މެންބަރުން ޒިންމާދާރު ކުރުވުމުގައި އެދާއިރާއެއްގެ ރައްޔިތުންގެ ދައުރާއި، ގައުމަށް ދިމާވެފައިމިވާ އިޤްތިޞާދީ ޚާއްޞަ ޙާލަތުން އަރައިނުގަނެވެނީސް ސިވިލް ސާވިސް މުޥައްޒަފުންގެ ކުރީގެ މުސާރަ އަލުން އިޔާދަކޮށްފިނަމަ ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވާނެ ގޮންޖެހުމަށް ބައްލަވާ ލެއްވިއެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ
އަހުމަދު ޢަބްދުﷲގެ ވާހަކައިގައި ރައްޔިތުން ބާރުވެރި ކުރެވޭނީ ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގައި، ރައްޔިތުން އަތްފޯރާފަށަށް ރައްޔިތުންގެ ވެރިކަން ގެނެވިގެން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ޑީއާރުޕީގެ އަޣްލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ޓެކްސްގެ ބިލު ފާސްނުކުރުމުގެ ސަބަބުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 300 މިލިޔަން ރުފިޔާ ނުލިބިވާކަން އަހުމަދު އަބްދުﷲ ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަސްލަމް ޝާކިރު
އަސްލަމް ޝާކިރުގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ސަރުކާރުގެ 5 ވައުދު ފުއްދުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންނެވެ. އަދި ހަމަ އެހެންމެ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޑީއާރުޕީން ހިންގި ޣައިރު ގާނޫނީ މުޒާހަރާ ކުށްވެރިކޮށް އަސްލަމް ވާހަކަ ދެއްކެވިއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާޙް
ތޮއްޑޫ އަކީ އާބާދީގެ ނިޞްބަތުން މިވަގުތު އެމްޑީޕީގެ މެންބަރުން އެންމެ ގިނަ ރަށް ކަން ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ގޮފިހުޅުވުމުގެ މުހިއްމު ކަމާއި، ގޮފިތަކުގެ ރައީސުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކާ ބެހޭގޮތުން ޝާހް ވާހަކަ ދެއްކެވިއެވެ. އެމްޑީޕީގެ މެންބަރުންގެ އަދަދު 19000 ން 30000 އަށް އިތުރު ވެފައިވާކަން ވެސް އެމްޑީޕީގެ ހީވާގި ސެކްރެޓަރީ ޖެނެރަލް އުފަލާއެކު ފާހަގަކުރެއްވިއެވެ.
ބާރަށު ދާއިރާގެ މެންބަރު އަހުމަދު ޝިފާޒް
އަހުމަދު ޝިފާޒްގެ ވާހަކައިގައި ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން ޖެހޭނެ ކަމަށް ގައުމީ ޕާޓީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ އިތުރުން ޑީއާރުޕީގެ އާންމު މެންބަރު އުމަރު ނަސީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. މިގޮތުން ޝިފާޒް ވިދާޅުވީ އުމަރު ނަސީރަކީ އިޞްލާހަށް މަސައްކަތްކުރާ ފަރާތެއް ނޫންކަން ވަރަށް ރަގަޅަށް ދޭހަވާ ކަމުގައެވެ.
މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
ރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދި ހަލާކުވީ ކުރީގެ ސަރުކާރަށް ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގިފައި ނެތުމުގެ ސަބަބުން ކަމުގައި މުހައްމަދު ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ތޮއްޑޫގެ ދަނޑުވެރިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާ ފައިދާތަކާ ބެހޭ ގޮތުންވެސް ނާޒިމް ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު
މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ހަމައެކަނި އެމްޑީޕީ ކަމަށާއި، ޑީއާރުޕީ ވެސް އެޕާޓީޣެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކޮށް “ޕާޓީއަކަށް ބަދަލުވާންޖެހޭ ބަދަލުވުން އަވަސް ކުރުމަށް” އިލްތިމާސް ކުރެއްވިއެވެ.
އުވިދިޔަ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރު އަލީ ވަހީދު
އުވިދިޔަ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރު އަލީ ވަހީދުގެ ވާހަކައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ގިނަ ދައުރުތަކެއްގައި ހުންނެވި ނަމަވެސް އެންމެ އެކަށީގެންވާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވިފައި ނުވަނީ “އެކެއްގެ އަތްމަތީގައި ބާރުތައް އޮވެ، ކަސްތޮޅު ބަނދެވި ހުރަ ގެއެއްގައި ހުންނަން ޖެހުމުން” ކަމުގައި ވިދާޅުވިއެވެ.
ތޮއްޑޫ ކަތީބު މުހައްމަދު ނަސީމް
މި ޖަލްސާގައި އެންމެ ފަހު ބައިވެރިއެއްގެ ގޮތުން ވާހަކަ ދެއްކެވި ތޮއްޑޫ ކަތީބު މުހައްމަދު ނަސީމް ވިދާޅުވީ ތޮއްޑޫގައި ތިބި އެމްޑީޕީގެ މެންބަރުންގެ އަދަދު 11 އިން 350 އަށް މިހާރު އިތުރުވެފައި ކަމަށާއި، 2013 ވަނަ އަހަރު އަންނަން ވާއިރަށް ތޮއްޑޫގެ ޑީއާރުޕީ މެންބަރުންގެ އަދަދު 50 އަށް ތިރިވާނޭ ކަމުގައެވެ.
މިޖަލްސާ ނިމުނީ ހުކުރު ދުވަހުގެރޭ ވަރަށް ދަންވި ފަހުންނެވެ. ޖަލްސާ ނިމުމަށްފަހު ބޮނޑިބަތް ކެއުމާއި ތޮއްޑޫގެ އެމްޑީޕީ ސަޕޯޓަރުންގެ ފަރާތުން ބޭއްވި ސްޓޭޖް ޝޯއެއް އޮތެވެ.
އއ. ތޮއްޑޫގައި މި ބޭއްވުނު އާންމު ޖަލްސާއަށް ހާހަކާ ގާތްކުރާ އަދަދަކަށް މީހުން ހާޒިރުވިއެވެ. މިއީ މިފަހަކަށް އައިސް އަތޮޅުތެރޭގެ ރަށެއްގައި އެމްޑީޕީން ބޭއްވި އެންމެ ކުލަގަދަ، އަދި އެންމެ ކާމިޔާބު އެއް ޖަލްސާއެވެ.