އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދުގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ޢަމަލުތަކުގެ މައްސަލަ ތަޙްޤީޤްކުރުމަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ގޮވާލުން

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު، ކެމްޕޭން ތަޤްރީރެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ޢަމަލުތައް އެންމެ ހަރުއަޑުން ކުށްވެރިކުރާހިނދު، އެ މައްސަލަ ތަޙްޤީޤްކޮށް ފިޔަވަޅުއެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން ގޮވާލަމެވެ.

އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު، އެ ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމާއި، އެއާޚިލާފަށް އޭނާގެ ވާހަކަ އަމާޒުކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށްވާއިރު، އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިއާ ޑޮކްޓަރ އަފްރާޝީމް ޢަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައެވެ. ތަޙްޤީޤުތަކުން ދައްކާގޮތުގައި ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ޙަރަކާތްތަކެއްގެ ތެރެއިންނެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިވެއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު ދެއްކެވި ވާހަކައެއްގެ ޙަޤީޤަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ޢަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން ގޮވާލަމެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަޙްޤީޤްކުރައްވައި ފިޔަވަޅުއެޅުއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕް