ނޫސް ބަޔާން

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު، މާލޭގެ 18 ގޮނޑީގެ ތެރެއިން 5 ގޮނޑިވަނީ މިޕާޓީން ކާމިޔާބު ކުރިކަން ކަށަވަރުވެފައެވެ. އަދި އައްޑޫ ސިޓީގެ 12 ގޮނޑީގެ ތެރެއިން 6 ގޮނޑިވަނީ މިޕާޓީ ކާމިޔާބުކޮށްފައެވެ.
މާލެއާއި އައްޑޫ ސިޓީ އިން މިޕާޓީން ކާމިޔާބު ކުރި ގޮނޑިތަކުގެ އިތުރުން، މާލޭގެ އެހެން 5 ދާއިރާއެއްގެ ނަތީޖާ ޝީޓާއި އައްޑޫ ސިޓީގެ 4 ދާއިރާއެއްގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު އެދާއިރާތަކުގައި އެންމެ ކުރީގައި ތިބި ކެނޑިޑޭޓުންނާއި މިޕާޓީގެ ކެންޑިޑޭޓުންނާ ދެމެދު ހުރި ފަރަގަކީ 40 އަކަށް ވޯޓަށްވުރެ ކުޑަ ފަރަގެކެވެ. މިދެންނެވި ކޮންމެ ދާއިރާއެއްގައި މިހާތަނަށް އަދި ނުގުނާ 50-60 ވޯޓު ކަރުދާސް ރާއްޖޭގެ އެކި ރަށްރަށުގައާއި ޖަލުތަކުގައި ހުރިކަން ފާހަގަކުރެވެއެވެ. އަދި މިއިން ކޮންމެ ދާއިރާއެއްގައި ބާޠިލު ވޯޓުގެ ގޮތުގައި 50-90 ވޯޓުކަރުދާސް ހިމެނިފައިވާކަންވެސް ފާހަގަކުރެވެއެވެ.
އެހެންކަމުން، މިޕާޓީން މިގެންދަނީ އެ ވޯޓުފޮށިތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުން މިޕާޓީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުޞަތު އޮތްކަން ފާހަގަކޮށް މިވާހަކަ އާންމުކޮށް ދެންނެވީމެވެ.