ޤާނޫނާ ޚިލާފަށް އެމް.ޑީ.ޕީގެ ލޯގޯއާއި ކުލަ ޕީ.ޕީ.އެމް. ގެ ކެމްޕޭނުގައި ބޭނުންކުރަމުންދާ މައްސަލާގައި ފިޔަވަޅުއަޅައިދިނުމަށް ގޮވައިލާ ނެރޭ ނޫސްބަޔާން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ލޯގޯ އާއި ކުލަ، ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ހިންގާ ކެމްޕޭނުގައި ބޭނުންކުރަމުން ގެންދާ ގެންދިއުން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
ޕީ.ޕީ.އެމް. ގެ ކެމްޕޭން ޙަރަކާތްތަކުގައި، އެމް.ޑީ.ޕީ. ގެ ލޯގޯއާއި ކުލަ ޕީ.ޕީ.އެމް ގެ ލޯގޯއާ އެއްކޮށްގެން ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތަށް ވޯޓު ހޯދުމަށް މަސައްކަތްކުރާކުރުމަކީ އެ ޕާރޓީން ހިންގާ ޣައިރުޤާނޫނީ އަދި ދަށުދަރަޖައިގެ ޢަމަލެއްކަމަށް މި ޕާރޓީން ދެކެމެވެ.

އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެކޭ އެއްފަދައިން، ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެމް.ޑީ.ޕީ އިން ވާދަކުރަނީ ކޯލިޝަނަކާ ނުލައި، މި ޕާރޓީގެ ނަމުގައި އެކަންޖެވެ. އަދި ޕީ.ޕީ.އެމް. އާއި ޕީ.އެން.ސީ އަކީ ކައުންސިލް އިންތިޚާބުގައި އެމް.ޑީ.ޕީގެ ވާދަވެރި ފަރާތްތަކެވެ.

އެހެންކަމުން އެމް.ޑީ.ޕީ. ގެ ލޯގޯއާއި ކުލަ ޕީ.ޕީ.އެމް ގެ ލޯގޯއާ އެއްކޮށްގެން ޕީ.ޕީ.އެމް އިން ކެމްޕޭންކުރަމުންދާ ދިއުން ވަގުތުން ހުއްޓައިލުމަށް އެ ފަރާތްތަކަށް ގޮވާލަމެވެ. އަދި ޤާނޫނާ ޚިލާފަށް އެމް.ޑީ.ޕީގެ ލޯގޯއާއި ކުލަ ޕީ.ޕީ.އެމް. އިން ބޭނުންކުރާ މައްސަލަ ބައްލަވައިދެއްވައި، ފިޔަވަޅުއަޅުއްވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމެވެ.