ދިވެހިރާއްޖެ ހޯދަމުންދާ އައު ތަރައްޤީގެ ފުރުސަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނީ އެމް.ޑީ.ޕީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްގެން ކަމުގައި ރަށްވެހި ފަތިސް ކެންޕޭނުން ބުނެފި

ސަރަޙައްދީ އެކުވެރިކަމުގެ ހިޔަލުގައި، ދިވެހިރާއްޖެ ހޯދަމުންދާ އައު ފުރުސަތުތައް ފުރިހަމަގޮތުގައި ބޭނުންހިފޭނީ އެމް.ޑީ.ޕީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްގެން ކަމުގައި ރަށްވެހި ފަތިސް ކެންޕޭނުން ބުނެފިއެވެ.

ރަށްވެހި ފަތިސް ކެންޕޭނުގެ ފަރާތުން ބަންދުނޫން ކޮންމެ ދުވަހެއްގެ 11 ޖަހާއިރު އޮންލައިންކޮށް ބާއްވާ ޕްރެސް ކޮންފަރަންސްގައި ވާހަކަދައްކަވަމުން ކެންޕޭންގެ ތަރުޖަމާނު މުޙައްމަދު ސައިފް ފާތިޙް ވިދާޅުވީ އިންޑިޔާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި އެމްޑީޕީގެ ތަސައްވަރު ކާމިޔާބުކުރުމާއި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތައް ފުއްދުމުގައި އަމާޒުގައި ގިނަ ތަރައްޤީގެ އެއްބަސްވުންތަކެއްގައި ސޮއެކުރެވިފައިވާ ކަމަށެވެ.

މިސާލެއްގެގޮތުން އޭނާ ފާހަގަކުރެއްވީ އިންޑިޔާ ސަރުކާރުން ދޫކޮށްފައިވާ ކުޅިވަރު ވަސީލަތް ތަރައްޤީކުރުމަށް 618،800،000 މިލިޔަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުމެވެ.

މި އެއްބަސްވުމުގެ ދަށުން، ވަކި ސަރަޙައްދެއްގައި ވަކި ކުޅިވަރެއް ކުރިއެރުވުމަށް ޝަރުތުކޮށްފައި ނުވާނެކަމަށާއި، އުންމީދަކީ މި އެހީގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުގައި ކުޅިވަރުގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރެވުންކަމަށް އިންޑިޔާގެ ޚާރިޖީ ވަޒީރުވެސް ވިދާޅުވިކަން ހާމަކުރައްވާ ސައިފް ވިދާޅުވީ އައު ލޯކަލް ކައުންސިލްގެ ޤާނޫނީ ބާރުތައް ބުނާގޮތުންނަމަ މި ކަންކަން ތަންފީޒު ކުރެވޭނީ ލޯކަލް ކައުންސިލްތަކުގެ މަޝްވަރާއާއި، މަދަދާއި، އެއްބަސްވުން ލިބިގެންކަމަށެވެ.

އެފަދަ ޒިންމާއެއް އުފުލޭނީ، ލާމަރުކަޒީ ނިޒާމު ޤަބޫލުކުރާ، އެވިސްނުން ގެނައި، އެ ނިޒާމު ހިންގުމުގެ ތެދުވެރި ޝައުޤު ހުރި ރަށްވެހި ފަތިސް ކެންޑިޑޭޓުންނަށް ކަމަށާއި “ރައީސް ޞާލިޙް ވިދާޅުވީތީ، އެމްޑީޕީ އިސްނެގީތީ ނޭއްގާނިކަން ފައުޅުކުރާ ބަޔަކަށް އެ މަސައްކަތެއް ނުވެވޭނެ!” ކަމަށް ރަށްވެހި ފަތިސް ކެންޕޭންގެ ތަރުޖަމާނު ވިދާޅުވިމެއެވެ.

ރަށްވެހި ފަތިސް ކެންޑިޑޭޓުންނަށް އައު ލާމަރުކަޒީ ނިޒާމުގެ ބާރުތަކާއި، އިޚްތިޔާރުތަކާއި، ޒިންމާތައް ސާފުކޮށްދިނުމުގެ ސެޝަންތަކެއް ބާއްވަން ރާވަލުވަމުންދާކަމަށާއި، މީގެ ފުރަތަމަ ބައްދަލުވުން 23 ފެބްރުއަރީވާ އަންގާރަ ދުވަހުގެ ހަވީރު މާލޭ ސިޓީ ކެންޑިޑޭޓުންނަށް އޮންނާނެކަން ކެންޕޭން ތަރުޖަމާނު މަޢުލޫމާތު ދެއްވިއެވެ.