ކޯވިޑު ވެކްސިންއާމެދު ދައްކަމުން ގެންދިޔަ ވިޔާނުދާ، ޒިންމާދާރުކަން ކުޑަ ވާހަކަތައް ދޫކޮށްލާނެކަމަށް އިދިކޮޅު ފަރާތްތަކުން މިހާރު ބުނާތީ ރަށްވެހިފަތިސް ކެންޕޭނުން އެކަމަށް މަރުޙަބާ ކިޔައިފި

ކޯވިޑުން ދިފާޢުވުމު ހަތިޔާރަކަށް މުޅި ދުނިޔެ ބަލައިގަތް ވެކްސިންއާމެދު ދައްކަމުން ގެންދިޔަ ވިޔާނުދާ، ޒިންމާދާރުކަން ކުޑަ ވާހަކަތައް ދޫކޮށްލާނެކަމަށް އިދިކޮޅު ފަރާތްތަކުން މިހާރު ބުނާތީ ރަށްވެހިފަތިސް ކެންޕޭނުން އުފާކުރާކަމުގައި ބުނެފައެވެ.

ރަށްވެހި ފަތިސް ކެންޕޭންގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ބްރީފިންގްގައި ވާހަކަދައްކަވަމުން ކެންޕޭންގެ ސްޕޯކްސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވީ އޮކްސްފަޑް ޔުނިވަރސިޓީއިން އުފައްދާ، އިންޑިޔާ ސަރުކާރުން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންގެ ސަލާމަތާއި، ރައްކާތެރިކަން ސަރުކާރުން އައީ ތަކުރާރުކޮށް ޔާޤީންކޮށްދެމުންކަމަށެވެ.

“ސިއްޙީ މާހިރުންނާއި، ކްލިނިކަލް ޓްރަޔަލްސް ދިޔައީ އެކަމަށް ހެކިދެމުން. ޑަބްލިއުއެޗްއޯއިން އެވެކްސިން ޖެހުމަށް ދިޔައީ އިރުޝާދުދެމުން” ސައިފް ވިދާޅުވިއެވެ.

މިއާއެކު، އެމްޑީޕީގެ ސިޔާސީ ވާދަވެރިން ކޯވިޑްގެ މިއުނދަގޫ އަދި ހިތްދަތި ވަގުތުގައިވެސް އިސްކުރެއްވީ އަމިއްލަ ސިޔާސީ މަންފާކަމަށާއި، 58 ދިވެހިންގެ ފުރާނަ ގެއްލިގޮސް، ދުނިޔޭގައި މިލިޔަނުން މީހުން މަރުވެ، އެތައް ބަޔެއްގެ ދިރިއުޅުން ބަރުބާދުކޮށްލި މި ކޯވިޑުން ދިފާޢުވުމަށް އީޖާދުކުރި ވެކްސިނާމެދުވެސް އުފެއްދެވީ ފިތުނަކަން ފާހަގަކުރައްވާ ރަށްވެހި ފަތިސް ކެންޕޭނުން ސްޕޯކްސްޕާރސަން ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު އިރާދަކުރައްވައިގެން މިއަދު އިދިކޮޅު ފަރާތްތަކަށް ހަމަހޭވެރިކަން ވެފައިވާކަން ހާމަކުރައްވާ ރަށްވެހި ފަތިސް ކެންޕޭންގެ ސްޕޯކްސްޕާރސަން ވިދާޅުވީ

ކޯވިޑުން ދިފާޢުވުމު ހަތިޔާރަކަށް މުޅި ދުނިޔެ ބަލައިގަތް ވެކްސިންއާމެދު ދައްކަމުން ގެންދިޔަ ވިޔާނުދާ، ޒިންމާދާރުކަންކުޑަ ވާހަކަތައް ދޫކޮށްލާނެކަމަށް އިދިކޮޅު ފަރާތްތަކުން މިހާރު ބުނާތީ ރަށްވެހިފަތިސް ކެންޕޭން ނުހަނު އުފާކުރަން” ކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ކައުންސިލްތަކުން ރައްޔިތުންގެ ޢާންމު ސިއްޙަތާއި، ދުޅަހެޔޮކަމުގެ މެންޑޭޓް އޮތްކަން ފާހަގަކުރައްވާ، ސައިފް އިތުރަށް ވިދާޅުވީ މިޒަމާނުގައި ދެބަސްވުން ނެތް، ސައިންޓިފިކް ކަމެއްގައި މިބާވަތަށް އުޅުނު ބަޔަކަށް ހަމަ ޔަޤީނުންވެސް ޢާންމު ސިއްޙަތު ރައްކާތެރިކޮށެއް ނުދެވޭނެ ކަމަށެވެ.

މިއާ ޚިލާފަށް ޤާނޫނުގައި ތަސައްވަރުކުރާ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ލޯކަލް ކައުންސިލުތަކެއް ޤާއިމުކޮށްދިނުމަށް ރަށްވެހި ފަތިސް ކެންޕޭނުން ވަޢުދުވާކަން ހާމަކުރައްވާ ސްޕޯކްސްޕާރސަން ވިދާޅުވީ

ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް އިޖްތިމާޢީ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ކުޑަކުދީންގެ މަޢުލޫމާތު ފަރުވާތެރިކަމާއެކު ހޯދައި، އެއްކޮށް، އެފަދަ ކުދީންގެ ހިމާޔަތްތެރިކަން ރަށްވެހި ފަތިސް ކެންޕޭނުން ކަށަވަރުކުރާނެކަމަށާއި،

ބަލިމީހުންނާ، ދުވަސްވީ މީހުން އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ޤާނޫނުގައި އެބުނާ ހަމައިން ދަފުތަރުކޮށް، އެމީހުންނަށް ޤަވާއިދުން ޒިޔާރަތްކޮށް ހާލުއަހުވާލު ބަލައި، އަޅާލުން ފޯރުކޮށްދޭނެކަމަށެވެ.

“އަޅުގަނޑުމެން އެކަން ކުރާނީ، އާސަންދަ، އެކަނިވެރި މައިންގެ އެލަވަންސް، 65 އަހަރުން މަތީގެ މީހުންގެ ޕެންޝަން، މިހެންގޮސް އިޖުތިމާޢީ ރައްކާތެރިކަމުގެ މުޅި ނިޒާމު އެމްޑީޕީއިން ޤާއިމުކުރި ފަދައިން” އޭނާ މިއަދު ވިދާޅުވިއެވެ.