ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި، ކެންޕޭން ޓީމުތަކާއެކު ޕާޓީގެ ލީޑާރޝިޕުން ބާއްވާ ސިލްސިލާ ބައްދަލުވުންތައް މިރޭ ފެށޭނެ

ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި، ކެންޕޭން ޓީމުތަކާއެކު ޕާޓީގެ ލީޑާރޝިޕުން ބާއްވާ ސިލްސިލާ ބައްދަލުވުންތައް މިރޭ ފެށޭނެކަމަށް ރަށްވެހި ފަތިސް ކެންޕޭނުން ހާމަކޮށްފިއެވެ.

ބަންދުނޫން ކޮންމެ ދުވަހަކު އެމް.ޑީ.ޕީގެ މައިމަރުކަޒުގައި ރަށްވެހި ކެންޕޭންގެ ސްޕޯކްސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ދެއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާގޮތުން އެމްޑީޕީގެ ލީޑާރޝިޕުން ދާއިރާތަކާ ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ފުރަތަމަ ބުރު މިރޭ އޮންނާނެކަމަށާއި،

މިރޭ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ ކ. އަތޮޅާއި، ފުވައްމުލަކު ކެންޑިޑޭޓުންނާއި، ކެންޕޭން ޓީމުތަކާއިކަމަށެވެ.

އޮންލައިންކޮށް ބޭއްވޭ މިމަޝްވަރާ ބައްދަލުވުންތަކުގައި ކެންޑިޑޭޓުންނާއި، ކެންޕޭން ޓީމުތަކާއެކު މަޝްވަރާ ބަދަލުކޮށް، ދާއިރާތަކުގައި ހުރި ކަންބޮޑުވުންތައް ޙީއްސާކުރެވޭނެކަމަށާއި، މިބައްދަލުވުންތައް އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކައުންޓުތަކުން ބެއްލެވޭނެކަމަށްވެސް ރަށްވެހި ފަތިސް ތަރުޖަމާނު ވިދާޅުވިއެވެ.
ކޮންމެ އާދިއްތަ، އަންގާރަ އަދި ހޮނިހިރު ދުވަހެއްގެ ރޭ 8:30 ގައި މިބައްދަލުވުންތައް ކުރިއަށްދާނެ.
އެގޮތުން ވޯޓު ޙައްޤުވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 19 ފެބްރުއަރީގައި ހަމަވާކަން ފާހަގަކުރައްވާ، ރަށްވެހި ފަތިސް ތަރުޖަމާނު ވިދާޅުވީ ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުގައި ކުށެއް އޮތްނަމަ ނުވަތަ ނަން އުނިވެފައިވާނަމަ ޝަކުވާ ހުށަހެޅުމަށް އެމްޑީޕީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.