ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ހޯދޭނީ އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ހޯދުމަށާއި އެނިޒާމުގެ ކާމިޔާބީ ކަށަވަރުކުރުމަށް މޯލްޑިވިޑިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ލޯކަލް ކައުންސިލްގެ އަޣްލަބިއްޔަތު ކޮންމެހެން ބޭނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ 14 ވީ އާދިއްތަ ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުމުގައި މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ އެމަނިކުފާނާއި، ސަރުކާރާއި، ވަޒީރުންވެސް ތިއްބެވީ ރަށްވެހިފަތިސް ކެންޕޭނާއި، އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކުގައިކަށެވެ. އަދި ލާމަރުކަޒީ ނިޒާމު ހިންގުމަށް ތައްޔާރަށް އޮތް ޕާޓީއަކީ އެމްޑީޕީ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“އަޅުގަނޑަށް ފެންނަ މަންޒަރުގައި، 80 ޕަސަންޓަށްވުރެން މައްޗަށް އިރާދަކުރެއްވިއްޔާ ގޮނޑި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ،” ރައީސުލްޖުމްހޫރިއްޔާ އުންމީދު އައުކުރައްވަމުން ވިދާޅުވިއެވެ.
ރޭގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ދިވެހިން އެދެނީ ތަރައްޤީއާއި، ދިރިއުޅުމުގެ ފެންވަރު ދެގުނަވެ، ކުރު މުއްދަތުގައި، ފިސާރި ބާރަށް އެމަގުގައި ފިޔަވަޅު އެޅުންކަމަށާއި، އެކަމަށް ބޭނުންވާ “ޖަންޕް” ޖެހުމުގެ ވިސްނުމާއި، ފަންވަރުހުރީ އެމްޑީޕީގައިކަމަށެވެ.
އަދި އިހުގައި އަހަރަކު ބަނދަރެއް، ނަރުދަމާއެއް އަޅަމުންއައި ގޮތްފާޑު ބަދަލުކޮށް، ތަރައްޤީގެ ދުވެލި އަވަސްކުރީ އެމްޑީޕީއިން ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޞާލިޙްގެ ޒަޢާމަތުގައި ތަރައްޤީގެ ތަރަހަކަމުގައިވާ ފެނާއި، ނަރުދަމާފަދަ އަސާސީ ޚިދުމަތްތައް މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައިމެ ޤާއިމުކޮށް ނިންމޭނެކަމާމެދު ޝައްކު ނުކުރައްވާކަަމަށެވެ.
އޮންލައިންކޮށް ބޭއްވުނު ޤައުމީ މަޖިލީހުގެ މިބައްދަލުވުމަށް 106 މެމްބަރުން ހާޒިރުވެވަޑައިގަތެވެ. އަދި މިބައްދަލުވުމުގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމަށް މއ. ފެރީނާ ޝާޒްލީ ޝަފީޤް ޢައްޔަންކުރުމަށްވަނީ ފާސްކޮށްފައެވެ.