އެމްޑީޕީ އެދެނީ ލޯކަލް ކައުންސިލް އިންތިޚާބުކުރުމުގެ މުހިންމު ޑިމޮކްރެޓިކް އިޖުރާޢަތް ގައިޑްލައިނާ އެއްގޮތަށްގޮސް، ފުރިހަމަކޮށް ނިންމާލުމަށް ކަމަށް ރަށްވެހިފަތިސް ކެންޕޭނުން ބުނެފި

އެމް.ޑީ.ޕީ އެދެނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިނާ އެއްގޮތަށް ގޮސް، ލޯކަލް ކައުންސިލް އިންތިޚާބުކުރުމުގެ މުހިންމު ޑިމޮކްރެޓިކް އިޖުރާޢަތް ފުރިހަމަކޮށް ނިންމާލުމަށްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އަށް ނުވާކަަމަށް ރަށްވެހި ފަތިސް ކެންޕޭނުން ބުނެފިއެވެ.

ރަށްވެހި ފަތިސް ކެންޕޭނުން މިއަދު ހެނދުނު 11 ޖެހިއިރު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެންޕޭންގެ ސްޕޯސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވީ ލޯކަލްކައުންސިލްގެ އިންތިޚާބު ކޯވިޑްގެ ޢާލަމީ ވަބާއާއި، ބަލިމަޑުކަމުގެ ބިރުގައި، ދިވެހި ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ފަސްކުރަން ޖެހުމާއެކު، އައު ލާމަރުކަޒީ ނިޒާމު ގެނެސްދިން ގިނަ ބާރާއި، ބޮޑެތި އިޚްތިޔާރުތައް ބޭނުން ނުހިފޭ ގޮތަށް، ކައުންސިލްތަކުގެ ދައުރު ދަންމާންޖެހުނު ކަމަށެވެ.

އެކަމުގެ ސަބަބުން ރައްޔިތުންގެ ސީދާ ބަހުގެ މައްޗަށް ހިންގާން އޮތް – ލާމަރުކަޒީ ނިޒާމަށް މި އޮންނާން ޖެހުނީ ބާވަތަކަށް ހުއްޓުން އަރާފައިކަމަށާއި، އައު ކައުންސިލެއް އިންތިޚާބު ނުކުރެވި ލާމަރުކަޒީ ނިޒާމު ފްރީޒްވެފައި އޮންނަން މަޖުބޫރުވާ ވުން ދުށުން ކުޅަދާނަކަމަކަށް އެމް.ޑީ.ޕީއަށް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މަރުކަޒީ ސަރުކާރުގެ އަތްދަށުން ބާރުތައް ވީއްލައި، ލާމަރުކަޒު ކުރުމުގެ ހުވަފެނަކީ ދިވެހިރައްޔިތުންގެ ޙައްޤުގައި އެމް.ޑީ.ޕީއިން ދުށް ހުވެފެނެއްކަމުގައި ވާހިނދު، ލާމަރުކަޒީ ނިޒާމު ފްރީޒްކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، މާތްﷲގެ ރަޙްމަތްފުޅާއެކު، އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ދިވެހިން ނުކުންނާނީ ވެކްސިން ޖަހާ، ރަނގަޅަށް ސަލާމަތީ އަޅައިގެން، ދުޅަހެޔޮކަމާއި، އުފަލުގައިކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރަށްވެހި ފަތިސް ކެންޕެއިންގެ ސްޕޯކްސްޕާރސަން ވިދާޅުވިއެވެ.

މިއަދު އެމް.ޑީ.ޕީގެ ޗެއާރޕަރސަން އަލްއުސްތާޛް ޙަސަން ލަތީފު ރައްޔިތުންގެ މަޖިލީހަށްވަނީ “މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑު އަހާލައި، ހާސްކަމުން ބޭރުގައި އުފާވެރި މާޙައުލެއްގައި ހީނ ސަމާސާކޮށް، މަޖާކޮށްލައި، އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކުރުމަށް ސަރުކާރަށް ގޮވައިލާ ޤަރާރު” ހުށަހަޅުއްވާފައެވެ.

މި ޤަރާރަށް ޢިޝާރާތްކުރައްވާ ޕްރެސް ކޮންފަރަންސްގައި ވާހަކަދައްކަވަމުން ރަށްވެހި ފަތިސް ކެންޕޭންގެ ތަރުޖަމާނު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތިލަފަތަށް ވޯޓު ދެއްވާއިރު، އެ ވޯޓުދެއްވެނީ ކުޅިވަރާއި، މުނިފޫހިފިލުވުމާއި، ހުނަރާއި، ފުނަރުން ކުރިއަރައިދާ އުފެއްދުންތެރި، ޒުވާން ޖީލެއް ބިނާކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށެވެ.

އަދި ޒުވާނުންނަށް މިއުޒިކު ކުޅެ، އަޑުއެހޭނެ ޖާގަތަކެއް ނެތްކަމާއި، މިއުޒިކީ ފަންނުގައި ކުރިއަށްއުމަށް ބޭނުންވާ ތަމްރީނާއި، ތަޢުލީމު ފުރުސަތު އަދި ރެކޯޑިންގް ސްޓޫޑިއޯ، ޕްރެކްޓިސް ރޫމްފަދަ ވަސީލަތްތައް ނެތް މައްސަލަ ޙައްލުކުރުމުގެ ބޮޑު ދައުރަކާއި، އިޚްތިޔާރުތަކެއް ލިބިގެންވަނީ ލޯކަލް ކައުންސިލުތަކަށް ކަމަށް ވާހިނދު، ރައްޔިތުންގެ ވޯޓް އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ދެއްވާނެކަން ޔަޤީންކުރައްވާ ކަމަށްވެސް ރަށްވެހި ފަތިސް ކެންޕޭންގެ ތަރުޖަމާނު ވިދާޅުވިމެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަންނާނުންގެ ބޭނުންތައް ދަނެގަނެ، އެބައިމީހުންގެ މަސައްކަތަށް ކަންފަހިކުރުމަކީ ދައުލަތު ޒިންމާއެއްކަމަށް އެމް.ޑީ.ޕީއިން ޤަބޫލުކުރާކަމަށެވެ.

އެގޮތުން އައު ލާމަރުކަޒީ ނިޒާމު ތަރުތީބުވެފައިވާ ގޮތުން މުނިއުފާ ފިލުވުމާއި، ކަސްރަތާއި، ދުޅަހެޔޮކަމާ ގުޅުންހުރި ކިތަންމެ ކަމެއް ހަމަޖެއްސުމުގެ ނުހަނު ބޮޑު ދައުރަކާއި، އިޚްތިޔާރުތަކެއް ކައުންސިލުތަކަށް ލިބިދެވޭކަމަށްޓަކައި، ރައްޔިތުންގެ ވޯޓް އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ދެއްވާނެކަން ޔަޤީންކުރައްވާކަމަށްވެސް ރަށްވެހި ފަތިސް ކެންޕޭންގެ ތަރުޖަމާނު ވިދާޅުވިމެއެވެ.

އެމް.ޑީ.ޕީގެ ކޮންމެ ކެންޕޭން ހަރަކާތެއްވެސް ހިންގާނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އެންގެވުންތަކާއި، ކޯވިޑްގެ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް ތަބަޢަވާ މަގުން، މިފަދަ ބަލިމަޑުކަމެއްގައި އިންތިޒާމުވެ ހިންގާ ސިޔާސީ ޕާޓީއެއް ކެންޕޭނެއް ހިންގާނެ އެންމެ ޗާލޫ، ނަލަ، ލާމަސީލުގޮތުގައި ކަމުގެ ޔަޤީންކަން މިއަދުގެ ޕްރެސް ކޮންފަރަންސްގައި ވެސް ރަށްވެހި ފަތިސް ކެންޕޭންގެ ތަރުޖަމާނު ދެއްވިމެއެވެ.