ފުލުހުންގެ ޚިދުމަތުގެ ބިލު ފާސްވުމުން ފުލުހުންގެ ތަޞައްވަރަށާއި ކުރިއެރުމަށް އަންނާނެ ހެޔޮ ބަދަލާމެދު އެމް.ޑީ.ޕީ އިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރުމާ ހަމާގައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަކީ، އެ ބިލު ފާސްކޮށް ޤާނޫނަކަށްވެ ތަންފީޒުކުރެވުމުން، ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަޞައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ޤާނޫނެކެވެ.
ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި އަދި ޖިނާޢީ ޢަދުލުގެ ނިޒާމުގެ މުހިއްމު ބައިވެރިއަކަށް ފުލުހުންގެ މުއައްސަސާ ވާއިރު، އެ މަތިވެރި ޚިދުމަތަކީ އެންމެހައި ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނާނޭހެން ދެވޭ ޚިދުމަތަކަށް ވާންޖެހެއެވެ. އަދި އެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް، ފުލުހުންގެ މައްޗަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެގެން މަސައްކަތްކުރާ ތަނަކަށް އެތަން ވާންޖެހެއެވެ. މި ޤާނޫނު ތަންފީޒުވެގެންދާއިރު އެކަން ޙާޞިލުވެގެންދާނެއެވެ.
މި ޤާނޫނުގެ ޒަރިއްޔާއިން ކަށަވަރުކޮށްދެވޭނެ އަނެއްކަމަކީ، ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތްދިނުމާއި، ކޮމިޔުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް އެ ޚިދުމަތް ދިނުމެވެ. އަދި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަން ދުސްތޫރީ ހަމަތަކާއި، ޤާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރެވިގެން ފޯރުކޮށްދިނުމެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށް ބޭނުންވާ ޤާނޫނީ ޙައިޞިއްޔަތާއި ބާރާއި ވަސީލަތްތައް ފުލުހުންނަށް ލިބިގެންދިއުމެވެ.
ފުލުހުންނަށް ތައުލީމާއި ތަމްރީނު ދިނުމާއި، ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަ ކަމުގެ މައްޗަށް އެ ފުރުސަތުތައް ލިބޭނޭހެން މި ޤާނޫނުން ބައްޓަންކޮށްދޭނެއެވެ. އަދި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި، ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެ މަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންކަމެވެ.
ފުލުހުންގެ ޚިދުމަތުގެ ބިލަކީ، ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކާ އެކު މަޝްވަރާކުރެވިގެން، އަދި ޢާންމުންގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ދިރާސާކޮށް ފުރިހަމަކޮށްފައިވާ ބިލެކެވެ. އަދި މިއީ އެމް.ޑީ.ޕީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް ހެދޭ ޤާނޫނެކެވެ. މިއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ޤާނޫނެކެވެ.