އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުން ފާހަގަކުރުން

19 ސެޕްޓެމްބަރ 2020 ވަނަ ދުވަހަކީ މ.އޭޝިއާ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިގެން ތަޅައި އަނިޔާކޮށް މަރާލިތާ 17 އަހަރު ފުރޭ ހިތާމަވެރި ދުވަހެވެ.

އަނިޔާވެރި އެއްވެސް ޢަމަލަކާ ނުލައި، އުމުރުން އެންމެ 16 އަހަރުގައި ޖަލަށްލައި ހައްޔަރުކުރެވުނު ޒުވާން އީވާން ނަސީމު، އޭގެ 3 އަހަރު ފަހުން މާފުށީ ޖަލުގައި ސިފައިން އެނާގެ ގައިގާ ތަޅައި ލާއިންސާނީ އަނިޔާކުރުމަށްފަހު މަރާލާފައިވެއެވެ. އެއަށްފަހު އާއިލާއަށް ސިއްރުން އޭނާގެ ހަށިގަނޑު ވަޅުލަން މަސައްކަތްކޮށްފައިވެއެވެ. 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު ހިންގި އެ ބޮޑު ޖަރީމާއާ ދެކޮޅަށް ޖެހިގެން އައިދުވަހު ޖަލުގައި އިޙްތިޖާޖުކުރި އެތަކެއް އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލައި އަދި އެނޫން ގައިދީންތަކެއް ޒަޙަމްކުރި އަނިޔާވެރި ޙާދިސާ ހިންގާފައިވަނީ ވެސް އެ ޙާދިސާއާ ގުޅިގެންނެވެ.

މި ޖަރީމާއަކީ ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެދޫކޮށްފައިވާކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ޙަޤީޤަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ޤަބޫލުކުރެވޭމިންވަރަށް ތިލަވެގެންދިއަ ޖަރީމާއެކެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިއަކަމެކެވެ.

ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ މި އަނިޔާވެރި ޖަރީމާއަށްފަހު ވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް ހޯދިފައިނުވެއެވެ. މިގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ޤާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަޙްޤީޤެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަން ފާހަގަކުރަމެވެ.

ސިފައިން ތަޅައި އަނިޔާކޮށް މަރާލި އީވާން ނަސީމާއި އަދި އިޙްތިޖާޖުކުރުމުން ބަޑިޖަހައި މަރާލި އެންމެހައި ޤައިދީންގެ ފުރާނައަށް ސުވަރުގެ މިންވަރުކޮށްދެއްވުމަށް ދުޢާކުރާހިނދު، އާއިލާތަކަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާކުރަމެވެ. އާމީން!