ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވާ ޗެނަލް13 އިން ގެނެސްދިން ކޮންޓެންޓު ކުށްވެރިކުރުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވާލާ، ޗެނަލް13 އިން 3 ސެޕްޓެންބަރު 2020 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ލައިވް ޕްރޮގްރާމެއްގައި ގެނެސްދިން ކޮންޓެންޓުގެ މައްސަލަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުށްވެރިކުރަމެވެ.

އެއްވެސް އިންސާނެއްގެ ޖާނަށް ނުވަތަ މާލަށް ނުވަތަ ފުރާނައަށް ގެއްލުމެއް ދިނުމާއި، އެފަދަ ކަމެއް ހިންގުމަށް ގޮވާ، ހިތްވަރުދިނުމަކީ މިޕާޓީއިން އެއްވެސް ޙާލެއްގައި ބަލައިގަންނަ ޢަމަލުތަކެއް ނޫނެވެ. އަދި މިއީ އެއްވެސް ތަޙްޛީބު މުޖުތަމަޢެއްގެ ތެރޭގައި ޤާނޫނީގޮތުން ހުއްދަކުރާކަމެއްވެސް ނޫނެވެ.

މާތުރަ، މިޕާޓީ އުފެއްދުމުގެ މައިގަނޑު މަޤްސަދަކީވެސް އިންސާނީ ކަރާމާތާއި، ދިރިހުރުމުގެ ހުރުމަތާއި، ޙައްޤަށް އުނިކަން ލިބެނިވި އެބާވަތުގެ ޢަމަލުތަކާ ދެކޮޅަށް ވަކާލާތުކުރުމެވެ. އަދި ސިޔާސީ މަސައްކަތަކީ ގޮށްމުށުގެ ބާރާއި، ބިރުދެއްކުމުން ސަލާމަތްވެގެންވާ، ބުއްދިއާއި، ފިކުރުގެ މައްޗަށް ކުރެވޭ ޢިލްމީ ބަހުސާއި، ހިންގޭ ސުލްޙަވެރި ހަރަކާތުން ކުރެވޭ މަސައްކަތެއްކަމުގައި ކަނޑައެޅުމެވެ.

ތަފާތު ސިޔާސީ ފިކުރާއި، ޚިޔާލު ފައުޅުކުރުމާއި، މިނިވަން ނޫސްވެރިކަމަކީ އެމްޑީޕީ އިސްވެ އޮވެ ނުހަނު ޤުރުބާނީއާއި، ބުރަ މަސައްކަތުން ހޯދާފައިވާ ޙައްޤުތައްކަމަށްވާއިރު، އެޙައްޤުތައް ޙިމާޔަތްކުރުމުގައި އަބަދުވެސް މިޕާޓީ ދެމިއޮންނާނެކަމުގައި އިތުރަށް ދަންނަވަމެވެ.

ކަންމިހެން ހުރިއިރު، ނިމިދިޔަ 2018 ގެ އިންތިޚާބުގައި 60 އިންސައްތައާއި ގާތްކުރާ ޢަދަދެއްގެ ވޯޓު ކާމިޔާބުކުރައްވައިގެން، ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވާ ކޮންޓެންޓު ބްރޯޑްކާސްޓުކުރި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބައްލަވާ، އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅުމަށް މިޕާޓީއިން ގޮވާލަމެވެ.