މަޖިލީހުން އެކުލަވާލި ކޮވިޑް-19 ގެ ރިޕޯރޓްތަކުގެ ހުށަހެޅުންތައް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިފި.

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާ ތަކާއި ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތުގެ ހުށަހެޅުންތައް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް މުޙައްމަދު ނަޝީދު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ސާލިޙަށް މިއަދު ރަސްމީކޮށް ހުށަހަޅުއްވައިފިއެވެ.

މި ރިޕޯރޓްތަކަކީ، 1 އޭޕްރީލް 2020 ގައި ބޭއްވުނު މި އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި، ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާ ތަކާއި ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް، މި ޕާރޓީގެ ފަރާތުން ޕާރލަމެންޓްރީ ގްރޫޕްގެ ލީޑަރ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިގަނެ، ކޮމެޓީތަކުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން، ކޮންމެ ކޮމެޓީއަކުން ހުށަހެޅުންތަކާ އެކު ރިޕޯރޓް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މައްސަލަ ކޮމެޓީތަކަށް ފޮނުއްވެވުމުން، އެ ކޮމެޓީތަކުން ގިނަ މަޢުލޫމާތު އެއްކޮށް، ފުޅާ ދާއިރާއެއްގައި ބަހުސްކުރުމަށްފަހުން ކޮމެޓީތަކުން އެކުލަވާލި ރިޕޯރޓްތަކެކެވެ.

މިގޮތުން މާލީ، އިޤްތިޞާދީ، އިޖްތިމާޢީ، ކަންކަމާއި، ސަލާމަތީ ކަންކަމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި ރިޕޯރޓްތައް އެކުލަވާލައި، މުހިއްމު ގިނަގުނަ ހުށަހެޅުންތަކެއް އެ ރިޕޯރޓްތަކުގައި ހިމެނިފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ދެކޭގޮތާއި ހުށަހެޅުންތަކުގެ ސަބަބުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ ދެމެދު، ވާގިވެރިވުމާއި ފާރަވެރިވުމުގެ ނިޒާމު ފުރިހަމައަށް ހިނގާކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބިގެންދާނޭކަމަށް މި ޕާރޓީން ދެކެމެވެ.

ކޮވިޑް-19 ގެ ރޯގާ އާގުޅިގެން ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ތަދިތަކާއި ގޮންޖެހުންތަކަށް ޙައްލު ހޯއްދެވުމަށާއި ސަލާމަތްތެރިކަން ހޯއްދެވުމަށް އެމް.ޑީ.ޕީގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އެކުގައި ކުރެވޭ މަސައްކަތުން މާތް ﷲ ގެ ރަޙްމަތްފުޅާއެކު ރާއްޖެއާއި ރައްޔިތުން، އެ ދަތިތަކާއި ގޮންޖެހުންތަކުން އަރައިގަނެވޭނެއެވެ.