ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތްތެރިޔާ ޙުސެއިން ޢަބްދުﷲ (އެމް.އެޗް.އޭ) އަވަހާރަވުމުގެ ފުން ހިތާމާގައި ބައިވެރިވުން

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތްތެރިޔާ އަދި މަޝްހޫރު އެމްއެޗްއޭ ވިޔަފާރީގެ އިސްވެރިޔާ ޙުސެއިން ޢަބްދުﷲ އަވަހާރަވުމުގެ ފުން ހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ބައިވެރިވަމެވެ.

ޙުސެއިން ޢަބްދުﷲ އަވަހާރަވީ ކޮވިޑް-19 ގެ އާލާސްކަންފުޅުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކުރެވިފައިވަނިކޮށް ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނު ރޭގައި އަވަހާރަވި އިރު އުމުރުފުޅަކީ 88 އަހަރެވެ. ޙުސެއިން ޢަބްދުﷲ ގެ އަނބިކަނބަލުން ވެސް ކޮވިޑް-19 ގެ އާލާސްކަންފުޅުގައި މިދިޔަ މަހު ވަނީ އަވަހާރަވެފައެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތްތެރިޔާ ޙުސެއިން ޢަބްދުﷲ އަކީ ދިވެހި މުޖުތަމަޢުއަށް ނުހަނަ ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވުން މަތީ ދެމި ހުންނެވި ހީވާގި އިޚްލާސްތެރިއެކެވެ. ކުރިން ސަރުކާރަށް ޚިދުމަތްކޮށްދެއްވުމުގެ އިތުރުން ތަޢުލީމު ފޯރުކޮށްދެއްވުމުގެ މަތިވެރި ޚިދުމަތްތައް ވެސް އަމިއްލަފުޅު އިސް ނެންގެވުމަށް ކޮށްދެއްވާފައިވެއެވެ. ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތް ކޮށްދެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު ޙުސެއިން ޢަބްދުﷲ އަށް ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުން އަރުވާފައިވާއިރު، 2005 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމުވެސް ވަނީ އަރުވާފައެވެ.

ޙުސެއިން ޢަބްދުﷲ އަކީ ޑިމޮކްރެސީއަށް ކުރަމުން ގެންދިއަ ދަތުރުގައި މި ޕާރޓީއަށް ނުހަނު މަތިވެރި އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދެވި މި ޕާރޓީގެ އެކުވެރިއެކެވެ. މި ޕާރޓީގެ ފުރަތަމަ ވެރިކަމުގައި، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް (ނ.ކ.ޝ.އ) ދިވެހި ދައުލަތުން 2011 ވަނަ އަހަރު އެމަނިކުފާނަށް ވަނީ އަރުވާފައެވެ.

ޙުސެއިން ޢަބްދުﷲ އާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުމަށް މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވާހިނދު، އާޢިލާއަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމެވެ. އާމީން!