ޝޭޚް ޙުސައިން ޔޫސުފް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމުގެ ފުން ހިތާމައިގައި ބައިވެރިވުން

ޝޭޚް ޙުސައިން ޔޫސުފް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމުގެ ފުން ހިތާމައިގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބައިވެރިވަމެވެ.

ޝޭޚް ޙުސައިން ޔޫސުފަކީ ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. 30 އަށްވުރެ ގިނައަހަރު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާއިރު، ޝޭޚް ޙުސައިން ޔޫސުފްވަނީ ރައްޔިތުންގެ މަޖިލީހުގެ ބ އަތޮޅުގެ މެމްބަރުކަމާއި ހައި ކޯޓުގެ ފަނޑިޔާރުކަމާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވަކީލުކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޤާޟީކަމާއި އަދި އެމިނިސްޓްރީގެ ޚާއްޞަ ޤާޟީކަމާއި، އެމިނިސްޓްރީގެ ޖުޑިޝަލް އެފެއާޒްގެ ޑިރެކްޓަރ އޮފް ޖުޑިޝަލް އެފެއާޒްކަން ކުރައްވާފައެވެ. އަދި އިސްލާމީ ކަންތައްތަކާއިބެހޭ މަޖިލީހުގެ ޚާއްޞަ މުޝީރުކަންވެސް ކުރައްވާފައެވެ. ޝޭޚް ޙުސައިން ޔޫސުފަކީ ދީނީ އިލްމް އުނގަންނަވައި ދެއްވުމަށާއި ޚާއްޞަކޮށް ބ އަތޮޅުގެ ތަރައްޤީއަށް ގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ޝޭޚް ޙުސައިން ޔޫސުފަކީ ރާއްޖޭގެ އިސްލާޙީ ހަރަކާތުގައި މުޙިއްމު ދައުރެއް އަދާކުރައްވާފައިވާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވުޖޫދަށް ގެނައުމާއި ކުރިއެރުވުމުގައި ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާ، މިޕާޓީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ޝޭޚް ޙުސައިން ޔޫސުފަށް 7 ބޭފުޅުން ލިބިވަޑައިގެންފައިވާއިރު އެބޭފުޅުންގެ ތެރެއިން އަލްއުސްތާޛާ ހިސާން ހުސައިންއަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ބ އަތޮޅު ތުޅާދޫ ދާއިރާގެ މެމްބަރެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސްވެސްމެއެވެ. ހިސާންއަކީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރއެވެ. އަދި ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމްވެސް އަދާ ކުރައްވާފައެވެ. މީގެ އިތުރުން ހިސާންއަކީ ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލެވެ. ޝޭޚް ޙުސައިން ޔޫސުފުގެ ދަރިކަނބަލުން ތިލްމީޒާ ހުސައިންއަކީ މިހާރު އަލިފުދާލު އަދި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރެވެ. ރައީސް މުޙައްދު ނަޝީދުގެ ސަރުކާރުގައި ނޯތް ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ކަމާއި އަލިފުދާލު އަދި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ ނައިބުކަންވެސް ތިލްމީޒާވަނީ ކުރައްވާފައެވެ.

ޝޭޚް ޙުސައިން ޔޫސުފުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުމަށް މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވާހިނދު، އެ މަރުޙޫމްގެ އާޢިލާއަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމެވެ. އާމީން!