ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުއުމާން އަވަހާރަވުމާއި ގުޅިގެން އެމްޑީޕީން ތަޢުޒިޔާ ދެންނެވުން

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަދި އަދާލަތު ޕާޓީގެ އިންސާނީ ޙައްޤުތަކާއިބެހޭ ކޮމެޓީގެ ރައީސް އަޙްމަދު ނުއުމާން އަވަހާރަވުމާއި ގުޅިގެން، ނުއުމާންގެ އާއިލާއާއި އަދާލަތު ޕާޓީއަށް އެމްޑީޕީގެ ފަރާތުން ތައުޒިޔާ ދަންނަވަމެވެ.

ނުއުމާނަކީ ނުޙަނު ތެދުވެރިކަމާއި އިޚްލާސްތެރިކަމާއިއެކު ޤައުމަށް ޚިދުމަތްކުރައްވާ، އުސޫލުތަކުގައި ހިފަހައްޓަވާ، އިންޞާފުގެ މަސައްކަތުގައި އަދާލަތު ޕާޓީން އިދިކޮޅު ކޯލިޝަންގައި ކުރި މަސައްކަތުގައި ވަރަށް މުޙިއްމު ދައުރެއް އަދާކުރައްވާފައިވާ ހިތްވަރުގަދަ ހެޔުލަފާ ބޭފުޅެކެވެ. އަދި ޚާއްޞަކޮށް ކޯލިޝަންގެ މެނިފެސްޓޯ އެކުލަވާލުމަށާއި، ބޭރުގެ ފަރާތްތަކާއި މަޝްވަރާތައް ކުރުމަގައާއި 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާއި ސަރުކާރުގެ ޓްރާންސިޝަން މަރުޙަލާގައި ކުރައްވާފައިވާ އަގުހުރި ބުރަ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ނުއުމާންގެ އާއިލާއާއި އަދާލަތު ޕާޓީއަށް ލިބިފައިވާ ފުން ހިތާމައިގައި މިޕާޓީން ބައިވެރިވަމެވެ. އަދި މަރުހޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށްއެދި ދުޢާ ދަންނަވަމެވެ.