ކޯވިޑް19 ގެ ބަލިމަޑުކަމުގެ މިދަތި ދަނޑިވަޅުގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގައި އިންޑިޔާ ސަރުކާރުން ވެދޭ އެހީތެރިކަމަށް އެމްޑީޕީ އިން ޝުކުރު އަދާކުރުން.

ކޯވިޑް19 ގެ ބަލިމަޑުކަމުގެ މިދަތި ދަނޑިވަޅުގައިވެސް ދިވެހިރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގައި އިންޑިޔާ ސަރުކާރުން ދެމިއޮތްކަމަށްޓަކައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ޝުކުރު އަދާކުރަމެވެ.

ދިވެހިރާއްޖެއަކީ ކާޑާއި، އެހެނިހެންވެސް ކާބޯތަކެއްޗާއި، މުދާ އިންޕޯޓުކުރާ ޤައުމަކަށް ވާހިނދު، ކޯވިޑް19 ގެ ސަބަބުން ދުނިޔޭގެ އިޤްތިސާދީ ޙަރަކާތްތެރިކަން މުޅިންހެން ހުއްޓި، މަޑުޖެހިފައިވާ މިދަނޑިވަޅުގައި، ޤަވާޢިދުން ކާބޯތަކެއްޗާއި، މުދާ އެތެރެނުކުރެވިދާނެކަމުގެ ކަންބޮޑުވުން ނުހަނު ބޮޑުވެފައިވަނިކޮށް، ދިވެހިރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ޔަޤީންކަން އިންޑިޔާ ސަރުކާރުންވަނީ ދީފައެވެ.

އެގޮތުން 500 މެޓްރިކް ޓަނުގެ ހަކުރާއި، 993 މެޓްރިކް ޓަނުގެ ހަނޑޫވަނީ ވޭތިވެދިޔަ ހަފުތާގައި އިންޑިޔާއިން ދިވެހިރާއްޖެއަށް ފޮނުވައިދީފައެވެ. މީގެއިތުރުން، 1500 މެޓްރިކް ޓަނުގެ ހަނޑުލާއި، 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް މިހާރުވަނީ އިންޑިޔާއިން ދިވެހިރާއްޖެ އައުމުގެ މަގުމަތީގައެވެ.

މިއީ އިންޑިޔާއިން ޢަމަލުކުރަމުންދާ ނެއިބަރހުޑް ފަރސްޓް ޚާރިޖީ ސިޔާސަތުގެ ދަށުން ޢާންމުކޮށް އަވަށްޓެރި ޤައުމުތަކަށް އަދި ޚާއްސަކޮށް ދިވެހިރާއްޖެއާމެދު ބަހައްޓާ ގާތްކަމާއި، ޢިނާޔަތްތެރިކަމުގެ ރަމްޒެއްކަން ފާހަގަކޮށް، ތަދުކަމާއި، ދަތީގެ ހިލަމެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވިޔަނުދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް އިންޑިޔާއިންދޭ އެއްބާރުލުމަށް މިޕާޓީއިން ނުހަނު ޝުކުރު އަދާކުރަމެވެ.

މިއެންމެހައި ޢިނާޔަތަކާއި، ލުއިފަސޭހައެއް އިންޑިޔާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިމިވަނީ ޚުދު އެޤައުމުގައި 21 ދުވަހުގެ ކަރފިއުއެއް އިޢުލާންކޮށް، ވިޔަފާރިތަކާއި، މުދާ ބަރުކުރުމާއި، ކޮމާޝަލް ޕޯޓުތައްވެސް ހިމެނޭގޮތުން ބޮޑުތަޅުއަޅުވާފައިވާ ދަނޑިވަޅެއްގައެވެ. އަދި ބޭހާއި، ކާޑުގެ ބާވަތްތައް ހިމެނޭގޮތުން ބައެއް ބާވަތުގެ މުދާ އެޤައުމުން އެކްސްޕޯޓްކުރުން މަނާކޮށްވެސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިފަދަ ދަތިކަމާއި، ނުރައްކަލުން ފުރިފައިވާ ދަނޑިވަޅެއްގައިވެސް ދިވެހިރާއްޖޭގެ މައްޗަށް އެހީތެރިކަމާއި، ޢިނާޔަތްތެރިކަމުގެ ލޮލަކުން މެނުވީ ބެލުމެއްނެތި، ބޭނުންވާ އެންމެހައި މަދަދެއް ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމުގައި އިންޑިޔާ ސަރުކާރުގެ ކިބައިގައި ފަސްޖެހުމެއްނެތްކަމީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމާއި، އެކުވެރިކަން އިހުނަށްވުރެން ވަރުގަދަވެފައިވާކަމުގެ ދަލީލެއްކަމުގައިވެސް މި ޕާޓީއިން އުފަލާއެކު ފާހަގަކުރަމެވެ.