ސަރުކާރުގެ ނިންމެވުމަށް މަރުޙަބާކިއައި، އެމް.ޑީ.ޕީ ގެ ލޯކަލް ކައުންސިލު އިންތިޚާބުގެ ކޭމްޕޭނުގެ ހުރިހާ ޙަރަކާތްތަކެއް އެއްކޮށް މެދުކަނޑާލުމަށް ނިންމުން

ކޮވިޑް-19 އާގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވި، ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުޙައްމަދު ޞާލިޙު ޤައުމާ މުޚާތަބުކުރައްވައި، ދެއްކެވި އިރުޝާދުތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މަރުޙަބާ ކިޔާހިނދު، އަދި ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރެވިފައިވީހިނދު، މިހާހިސާބުން މި ޕާރޓީގެ ލޯކަލް ކައުންސިލު އިންތިޚާބުގެ ކޭމްޕޭނުގެ ހުރިހާ ޙަރަކާތްތަކެއް އެއްކޮށް މެދުކަނޑާލައި، ކޮރޯނާ ވައިރަސް އާގުޅިގެން ރައްޔިޔުންގެ ކިބައިން ސަރުކާރުން އެދިވަޑައިގަންނަވާ ކޮންމެ ކަމެއްގައި މި ޕާރޓީގެ މެމްބަރުންނާއި އެންމެހައި އިންތިޒާމުތަކާއި ވަސީލަތްތަކެއް އެންމެ ފުޅާމިނެއްގައި ފޯރުކޮށްދީ، އެހީތެރިވެދިނުމަށް ތައްޔާރަށް އޮތްކަމުގައި ދަންނަވަމެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން 4 އޭޕްރީލް ކަމަށް ކަނޑައަޅުއްވާފައި ވީނަމަވެސް، އެ އިންތިޚާބު ބާއްވާނޭ ދުވަސް ފަސްކުރައްވައި އޭޕްރީލް 18 ކަމަށް ހަމަޖައްސަވާފައިވުމުން ނުކުންނަ އެހެން ނަތީޖާއެއް އޮތްކަން މި ޕާރޓީން ފާހަގަކުރަމެވެ. އެހެނީ، ކެމްޕޭނު ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމަށްފަހު އިންތިޚާބާ ދެމެދަށް ކެންޑިޑޭޓުންނަށް ލިބެނީ އެންމެ 6 ދުވަސްކަމަށްވާތީ، މިއީ ކެމްޕޭނެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަން ވެސް ފާހަގަކުރަމެވެ. އަދި އެއީ ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ދިނުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތައްވުރެ އެތައް ގުނައަކަށް ކުޑަ މުއްދަތެއްކަން އެނގެއެވެ. މި ޕާރޓީއަކީ ފުޅާ މިނެއްގައި ކެމްޕޭނުގެ ޙަރަކާތްތައް ހިންގައި، ރައްޔިތުންނާ ހަމައަށް ވާސިލުވެ، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދީ، އެގޮތުން ފޯރުކޮށްދޭ މަޢުލޫމާތަށް ބިނާކޮށް ރައްޔިތުން ވޯޓުލުމުގެ ފުރުސަތު ހޯދައިދިނުމަށް ކެމްޕޭންކުރާ ޕާރޓީއަކަށް ވީހިނދު، ކެމްޕޭން ކުރުމަށްޓަކައި ދެންވެސް ޤާނޫނުގައި ބުނާ މުއްދަތު ކެންޑިޑޭޓުންނަށް ލިބޭނޭކަން ކަށަވަރުކޮށްދެއްވައިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެވުމަށް މި ޕާރޓީން ގޮވާލަމެވެ.

ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވިފައިވާ މި ދަނޑިވަޅުގައި، އިންތިޚާބުގެ ކެމްޕޭނުގެ ޙަރަކާތްތައް އެއްވެސް ސިފައެއްގައި ނުހިންގުމަށް މި ޕާރޓީގެ ހުރިހާ ކެންޑިޑޭޓުންނަށާއި ކެމްޕޭން ޓީމުތަކަށް އަންގަމެވެ.