އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެމްޕެއިން ކޯވިޑް-19 އަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމާއި އެކުގައި ކުރިއަށްގެންދިއުމަށް މައި ކެމްޕެއިން ޓީމުން ނިންމައިފިއެވެ.
އެމްޑީޕީއަކީ 93000 އަށްވުރެގިނަ މެންބަރުންތިބި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާތީ، ރާއްޖޭގެ ކޮންމެ މީހުން ދިރިއުޅޭ ރަށަކާއި ގުޅިފައިވާ ވިއުގަ މެދުވެރިކޮށް ކެންޕެއިން މެސެޖުތަކާއެކު، ކޯވިޑް-19 އިން ސަލާމަތްވުމުގެ މައްޗަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި، ހެލްތް މިނިސްޓްރީ އަދި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޯވިޑް-19 އާއި ގުޅޭގޮތުން ޢާންމުކުރާ މަޢުލޫމާތާއި، ޚަބަރު އެމްޑީޕީގެ ކެންޕޭނު ޓީމުތަކުން ޢާންމުންނާ ޙިއްސާކުރަމުންދާނެއެވެ.
ދިވެހިރާއްޖެއިން ކޯވިޑް-19 ފެނިފައިވާތީ ބައްޔަށް މަގުފަހިވާ ބާވަތުގެ ކެންޕޭނުގެ އެއްވެސް ޙަރަކާތެއް ނުހިންގުމަށާއި، ސޯޝަލް މީޑިޔާ އަދި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭނު ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ޕާޓީން ނިންމާފައިވަނީ 7 މާރޗް ވާ ހޮނިހިރު ދުވަހުއެވެ.
އެމަގުން އެރެޔަށް ތާވަލުކޮށްފައިއޮތް ރަށްވެހިފަތިސް ފެސްޓިވަލް ނިންމާ ހަފްލާވެސް ކެންސަލުކުރިއެވެ.