ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގައްދޫ ހަރުގެ ޖަލްސާ މިރޭ އޮންނާނެ – އަފްޝަން

ލޯކަލް ކައުންސިލް އިންތިޚާބުގެ ރަށްވެހި ފަތިސް ކެންޕޭނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ދަތުރުފުޅު މިއަދު (4 މާރޗް، ބުދަ) މެންދުރު ފަހު ފެށުމަށް ވަނީ ހަމަޖެހިފައިކަމުގައި އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ. އަދި މިދަތުރުފުޅުގައި ގދ. ގައްދޫ ހަރުގޭގައި މިރޭ 8:45 އިން ފެށޭ ކެމްޕެއިން ބޮޑު ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައިކަމުގައިވެސް އަފްޝަން ވިދާޅުވިއެވެ.
މިދަތުރުފުޅުގައި ކައުންސިލް ކަމަށް ވާދަކުރާ އެއަތޮޅުގެ ހުރިހާ ކެނޑިޑޭޓުންނާއި، ޑަބްލިޔުޑީސީގެ ހުރިހާ ކެނޑިޑޭޓުން ބައިވެރިވާނެކަމަށާ އެމްޑީޕީއަށް ތާއީދުކުރައްވާ ބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވުމަކީ ވަރަށްބޮޑު އެދުމެއް ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގެ ޑެޑްލައިންތަކަށް އަލިއަޅުވާލައްވަމުން އަފްޝަން ވިދާޅުވީ 5 މާރޗްގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު ހުޅުވާލެވި، ސީދާ މަންދޫބުން އެފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުން ގެންދަންވީ ކަމަށެވެ. އަދި އެމްޑީޕީން ވަކި ފޯމެއް ކެނޑިޑޭޓުންނާއި ހިއްސާކޮށްފައިވާނެ ކަމަށާއި، އަދި ލިންކް މިއަދު (4 މާރޗް)ގެ ހަވީރު 4 ޖަހާއިރު އެކްޓިވް ކުރެވިގެންދާނެ ކަމަށެވެ. އެހެންކަމުން ކެނޑިޑޭޓުންނާއި، ކެމްޕެއިން ޓީމަތަކުން މިކަމަށް ސަމާލުކަން ދެއްވާ ވީހާވެސް އަވަހަށް ފޯމަތައް ހުށަހަޅަމުން ގެންދަންވާނެ ކަމަށެވެ.
މީގެ އިތުރުން ކެނޑިޑޭޓުންގެ އޮބްޒާރވަރުންނާއި މޮނީޓަރުންނަށްވުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު 5 މާރޗްގެ މެންދުރު 3 ޖެހުމާއިހަމައަށް އިތުރުކުރެވިފައިވާ ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައި ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެމަސައްކަތްކޮށް، އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ކޯޑިނޭޓަރުންނާއި ކެނޑިޑޭޓުންނާއި ގުޅުއްވައިގެން ނުވަތަ ކެމްޕެއިން އޮފީހަށް ވަޑައިގަތުމުން އެކަންކުރިއަށް ގެންދިޔުމަށް އަފްޝަން އެދިވަޑައިގަތެވެ.
އިތުރަށް އަފްޝަން ފާހަގަކުރެއްވީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި، ނުތަނަވަސްކަން އިތުރު ކުރުމަށް އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވެލައްވަން ޖެހޭކަމަށެވެ. ކޮރޯނާ ވައިރަސްއަކީ އަޅުގަނޑުމެން އެންމެވެސް ކަންބޮޑުވާ ކަމެއްކަމަށާއި، ނަމަވެސް ސަރުކާރުން މިކަމާއިބެހޭ މަޢުލޫމާތުތައް ދަނީ ހިއްސާކުރަމުން ކަމަށް އަފްޝަން ވިދާޅުވިއެވެ. ހަމައެހެންމެ ވާންޖެހޭ ތައްޔާރީތަށްވެ ކަމާއިގުޅޭ ހުރިހާ އިދާރާތައް ހިމެނޭ ގޮތަށް ވަރަށް ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް އަފްޝަން ވިދާޅުވިއެވެ.
ހަމަމިގޮތަށް ރަށްރަށުގެ ރައްޔިތުންވެސް މިކަމަށް ހޭލުންތެރިވެފައިވާ ކަމާއި އިދިކޮޅުން މަޖިލީހުގައި ދައްކަމުންދާ ވާހަކަތާކައި ހިލާފަށް ކާޑުގެ ދަތިކަމާއި، ބޭހުގެ ދަތިކަމެއް ފާހަގަކުރެވިފައި ނެތްކަމަށް އަފްޝަން ވިދާޅުވިއެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުންވެސް ޒިންމާދާރު ކަމާއެކު ހަޤީޤަތް ނޯޅޭ ގޮތަށް ރައްޔިތުންނަށް މަޢުލޫމާތު ހިއްސާކުރަމުން ދިޔުމަށް އަފްޝަން ވިދާޅުވިއެވެ. އަދި ކޮރޯނާ ވައިރަސް އާއިބެހޭ ގޮތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށް ދިނުމުގައި އިދކޮޅު ފަރާތްތަކުންވެސް އަޅުގަނޑުމެންނާއިއެކު ބައިވެރިވެ ގުޅިގެން މަސައްކަތް ކުރުމަށް އަފްޝަން އެދިވަޑައިގަތެވެ.
މައްޗަންގޮޅިގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ހަބަރެއްގެ ގޮތުގައި އަފްޝަން ވިދާޅުވީ މައްޗަންގޮޅި މާވެޔޮ މިސްކިތް މިމަހުގެ ނިޔަލަށް ނިންމުމަށް އެމަސައްކަތް ހަވާލުކުރެވިފައިވާ ކުންފުންޏަށް ސަރުކާރުން އަންގާފައިވާ ކަމަށާއި، ރޯދައަށް މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް ސަރުކާރުން ހާމަކުރައްވާފައިވާ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.