ރަށްވެހި ފަތިސް ކެންޕޭނަށް ރައީސް ނަޝީދު ގދ. އަތޮޅަށް ދަތުރުފައްޓަވަނީ – އަފްޝަން

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގދ. އަތޮޅުގެ ހުރިހާ ރަށަކަށް މިހިނގާ މާރޗް މަހުގެ 4 ވަނަ ދުވަހު ދަތުރު ފައްޓަވާނެ ކަމަށް މައި ކެމްޕެއިންގެ ސްޕޯކްސްޕާރސަން އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.
ޤަވާޢިދުން ކޮންމެ ދުވަހު ރަށްވެހި ފަތިހުގެ ކެންޕޭނުގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅުދައްކަވަމުން އަފްޝަން ވިދާޅުވީ މިދަތުރުފުޅުގައި އެމްޑީޕީގެ ޓިކެޓްގައި ގދ. އަތޮޅުގެ ގޮނޑިތަކަށް ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންނާއި ބައްދަލު ކުރައްވާނެކަމަށެވެ. އަދި އެމްޑީޕީ ހަރުގެ ހަރަކާތްތަކާއި، ޖަލްސާތައް މާރޗް 6 އާއި ހަމައަށް ކުރިއަށްދާނެ ކަމަކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ޕްރޮގްރާމެއް ހިންގުމަށް މަޖިލީހުން ނިންމާފައިވާކަން ފާހަގަކުރައްވަމުން، އަފްޝަން ވިދާޅުވީ ޢާންމުންގެ ޚިޔާލަށް ފުރަތަމަ ހުޅުވާލާ ބިލަކަށް މިނިމަމް ވޭޖް (އެންމެ ކުޑަ އުޖޫރަ) ކަނޑައެޅުމުގެ ބިލް ވެގެންދާނެ ކަމަށެވެ.
އަދި މިބިލާއިމެދު މަޝްވަރާކުރުން މާދަންރޭ( 4 މާރޗް) 8:15 ގައި މަޖިލީހުން ކަނޑައަޅާ މާލަމެއްގައި ކުރިއަށްދާނެ ކަމަށާއި، މިއީ އާއްމުންނާއި ގުޅިލާމެހިފައި އޮތްކަމެއްކަމަށްވެފައި ސޯޝަލް މީޑިޔާގައިވެސް ވާހަކަދެކެވޭ މައްސަލައަކަށް ވުމާއިއެކު، ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން ޚިޔާލު ހުށަހަޅުއްވާނެކަމަށް އުއްމީދުކުރައްވާކަމަށް އަފްޝަން ވިދާޅުވިއެވެ.
އިންސާނުން ބިނާކުރުމުގެ ދާއިރާއިން ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އަފްޝަން ވިދާޅުވީ އިންސާނުން ބިނާކުރުމާއި، ތަޢުލީމީ ސިޔާސަތުގެ އިތުރުން ސިއްޙީ ނިޒާމުގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއިއެކު ކުރިއަށްދާކަމަށެވެ. ޚާއްސަކޮށް ސިއްޙީ ނިޒާމުވެސް ލާމަރުކަޒުކުރެވި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާރޝަރީ ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާކަން އަފްޝަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މާރޗް 6 ވަނަ ދުވަހު މުޅި މާލެގައިވެސް ދޮރުންދޮރަށް ހިނގުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށްދާނެކަމަށާއި، މާލޭގެ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތުގައި، މާރޗް 7 ވާ ހޮނިހިރު ދުވަހު އޮންނަ ރަށްވެހި ފަތިސް ފެސްޓިވަލަށް މާލެ ވަޑައިގަންނަވާ އެމްޑީޕީގެ ހަރަކާތްތެރިންވެސް ބައިވެރިވާނެކަމަށް އަފްޝަން ވިދާޅުވިއެވެ.
ވީހާވެސް ގިނަ އެމްޑީޕީގެ މެންބަރުންނާއި، ތާޢީދުކުރައްވާ ބޭފުޅުން މިހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އަފްޝަން އެދިވަޑައިގަތެވެ.
ހޮނިހިރު ދުވަހުގެ ރަށްވެހި ފަތިސް ފެސްޓިވަލާއި ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން އަފްޝަން ވިދާޅުވީ ވިލިމާލޭގައި އޮންނަ މިފެސްޓިވަލުގައި އެމްޑީޕީގެ އެޖެންޑާ19 ވަޢުދުތަކުގެ މައްޗަށް – އިންސާފު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ނޫ އިޤްތިސާދު އަދި ޖަޒީރާ ދިރިއުޅުން، ސްޓޯލްތައް ތައްޔާރުކުރެވި، މަޢުލޫމާތު ފޯރުކޮށްދޭނެކަމަށެވެ. އަދި ސަރުކާރުގެ ވަޒީރުން، އެބޭބޭފުޅުންގެ ދާއިރާތަކާބެހޭ މަޢުލޫމާތު ދެއްވުމުގައި ޝާމިލުވެވަޑައިގަންނަވާނެކަމަށެވެ.