އަންހެނުންގެ ކޮންފަރަންސް ރަށްވެހިފަތިސް ފެސްޓިވަލުގައި ބޭއްވުމަށް ހަމަޖައްސައިފި

އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ފަރާތުން “ރަށްވެހި ފަތިސް” ފެސްޓިވަލް 7 މާރިޗުވާ ހޮނިހިރު ދުވަހު ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޕާޓީގެ އަންހެނުންގެ ރޫޙްގެ ރައީސް އަދި މާލެ ސިޓީ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރަށްވެހި ފަތިސް ކެންޕޭނުގެ މައި އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ސިފާ ވިދާޅުވީ އެމްޑީޕީގެ ހުރިހާ ގުނަނެއްގެ އެއްބާރުލުމާއި، މަސައްކަތާއެކު ރާވާ، އިންތިޒާމުކުރާ މި ރަށްވެހި ފަތިސް ފެސްޓިވަލްގެ އެންމެ ޚާއްސަ ޙަރަކާތަކީ އަންހެނުންގެ ކޮންފަރެންސްކަމަށެވެ.
އަންހެނުންގެ ދުވަހުގެ އިޙްތިފާލުގެ ބައެއްގެގޮތުގައި ކުރިއަށްދާ މި މިކޮންފަރަންސްގައި ސިޔާސީ މާހައުލުގައި އަންހެނުންނަށް ހުރި ގޮންޖެހުމާއި، އަންހެނުންގެ މަދަނީ އަދި ސިޔާސީ ބައިވެރިވުން އިތުރުކުުރުމަށް އަޅާންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރެވޭނެކަމަށް ޝިފާ ވިދާޅުވިއެވެ.
އަދި މި ކޮންފަރަންސްގައި ތަޢުލީމާއި، ސިއްޙަތު އަދި އެހެނިހެންވެސް ދާއިރާތަކުގެ ދައުލަތުގެ މިނިސްޓަރުންނާއި، އޮފިޝަލުން ބައިވެރިވެވަޑައިގެން، އެބޭބޭފުޅުންގެ ދާއިރާތަކުގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ކަރުދާސް ހުށަހަޅުއްވާނެކަމަށްވެސް ޝިފާވަނީ ވިދާޅުވެފައެވެ.
ކޮންފަރަންސްގެ އިތުރު ތަފުސީލާއި، ޕްރޮގްރާމް ދާދި އަވަހަށް ޢާންމު ކުރެވޭނެއެވެ.
ޝިފާ މިއަދު ދެއްކެވި ވާހަކައިގައި އިތުރަށް ވިދާޅުވީ އެމްޑީޕީ އިދިކޮޅު ފަރާތުގެ ގޮތުގައި އޮތްއިރު ޕާޓީގެ ޙަރަކާތްތަކުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ އަންހެނުންގެ ރޫޙްކަން މުޅި ޤައުމުވެސް ޤަބޫލުކުރާ ކަމަށެވެ. އަދި އެ ދުވަސްވަރު އަންހެނުންގެ ރޫހުން ކުރި މަސައްކަތްތަކީ ޤައުމަށްޓަކައި ވަރަށް ދުރުވިސްނުމެއްގައި، ނުހަނު ފޮނި އުންމީދުގައި ކުޅަ ޚިދުމަތެއްކަން ޝިފާ ފާހަގަކުރެއްވިއެވެ.
އޭގެ ފޮނިމީރުކަމާ އޭގެ ފައިދާ ގައުމަށް ފެނުމަށްޓަކައި ގައުމުމުގެ އެއްމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މިހާރު އަންހެނުންގެ ރޫހަށް މި އިތުރަށް ލިބިގެންދާ ފުރުސަތެއްގެގޮތުގައިކަންވެސް ޝިފާ ފާހަގަ ކުރެއްވިއެވެ.
މިއަދު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިފާ ވިދާޅުވީ ފެސްޓިވަލުގައި އޮންނަ ކޮންފަރަންސްގައި އަންހެނުންގެ ރޫޙްގެ ކުރިމަގާއި ގުޅޭ މަޝްވަރާތައް ހިންގުމާއި، އިސްތިރާޖީ ޕްލޭނެއް ތައްޔާރުކުރުމާއި، ކުރިއަށް އޮތް 5 އަހަރު ދުވަހަށް ހިންގާން ކަނޑައަޅާ މައިގަނޑު ޙަރަކާތްތައް އެކަށައެޅުން އޮންނާނެކަމަށެވެ.
އެމްޑީޕީއިން އެޖެންޑާ 19 ގައި ވަކާލާތުކުރި ފަދައިން ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާޙުގައި ލޯކަލް ކައުންސިލުތަކުގެ 33 އިންސައްތަ ސީޓުވަނީ އަންހެނުންނަށް ޚާއްސަ ކުރެވިފައެވެ.
މިއީ އެމްޑީޕީއިން އަންހެނުންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާ، ޝިފާވަނީ އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެންމެހައި އަންހެން ކެންޑިޑޭޓުން 7 މާރިޗްގައި ވިލިނގިލީގައި އޮންނަ ރަށްވެހި ފަތިސް ކާނިވަލުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އަރުވާފައެވެ. އަދި އަމިއްލަ ޚަރަދުގައި މި ފެސްޓިވަލުގައި ބައިވެރިވުމަށް ގިނަ ބޭފުޅުން ދުރުން ދަތުރުކުރައްވާ ވަޑައިގަންނަވަމުންދާކަން ފާހަގަކުރައްވާފައެވެ.
މިފެސްޓިވަލްގެ ސްޓޯލްތައް މައިގަނޑުގޮތެއްގައި އަމާޒުކުރެވިފައި ހުންނާނީ 5 ދާއިރާއަަކަށް: ނޫ އިގްތިސޯދު، އިންސާފު، ޖަޒީރާ ދިރިއުޅުން، އޯގާތެރި ސަރުކާރު އަދި ފަޚުރުވެރި ޢާއިލާއަށްކަމަށާއި، ސްޓޯލްތަކުން މި ދާއިރާތަކާބެހޭ މަޢުލޫމާތު ސާފުކުމުގެ ފުރުސަތު ޢާންމުންނަށް ލިބޭނެކަމަށެވެ.