އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެމްޕެއިންގެ ސްޕޯކްސްޕާރސަން އަފްޝަން ލަތީފު މިއަދު(2މާރޗް، ހޯމަ) ދެއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ މޭޔާރ ކަމަށް ކުރިމަތިލެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އެޕާޓީގެ ކެމްޕެއިން ލޯންޗިންގ ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ނުވާކަމުގައާއި އެއީ މުޅި އެއަތޮޅަށްވެސް މުޅި އެ ސިޓީއަށްވެސް ލިބިގެންގޮސްފައިވާ ވަރަށްބޮޑު ނިކަމެތިކަމެއްކަމަށާއި ވަރަށްބޮޑު ބޭއިންސާފެއްކަމުގައި ދެކިވަޑައިގަންނަވާ ކަމުގައެވެ.
ކައުންސިލް އިންތިހާބުގައި ވޯޓު ދެއްވާއިރު ކުޅުދުފުށި ސިޓީގެ ރައްޔިތުން މިކަމުގައި ވިސްނާނެކަމަށް ދެކޭކަމުގައިވެސް އަފްޝަން ވިދާޅުވިއެވެ. އަފްޝަން އިތުރަށް ވިދާޅުވީ ފަހަރުގައި އެބޭފުޅުން(ޕީޕީއެމް) އެއްވެސްވަރަކަށް ލާމަރުކަޒީ ނިޒާމާއި އެހާ އަހުލުވެރި ނޫންވީމާ ކުޅުދުއްފުށްޓަކީ މިހާރު ސިޓީއެއްކަމާ މޭޔަރެއް ހޮވޭނެކަމާ މިފަދަ ކަންތައްތައްވެސް އިނގިވަޑައިނުގަންނަވަނީ ކަމުގައިވެސް ވެދާނެކަމަށް ދެކޭކަމުގައި ވިދާޅުވިއެވެ. މިގޮތަށް އެއްވެސް ބަޔަކު އެކަހެރި ކުރެވިގެން ނުވާނެކަމަށާއި މިކަމަކީވެސް ރައީސް ޔާމީންގެ ސަރުކާރުގައި ޕީޕީއެމުން ކުޅުދުފުށި ސިޓީއަށް ވެފައިވާ އިހުމާލު ދައްކުވައިދޭކަމެއް ކަމުގައި އަފްޝަން ވިދާޅުވިއެވެ.
އަފްޝަން އިތުރަށް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކަރުގައި، ރައީސް ޔާމީނު ވިދާޅުވެފައިވާ ފަދައިން ލާމަރުކަޒީ ނިޒާމު ގަބޫލު ނުކުރައްވާ ބޭފުޅެއް ވެރިކަން ކުރައްވާނެ ފަދައިން އެބޭފުޅުން ހުރިހާ ކަމެއްވެސް ހިންގަވާފައިވަނީ، ހުރިހާ މަޝްރޫއެއްވެސް ހިންގަވާފައިވަނީ ވަރަށް މަރުކަޒީގޮތަކަށްކަމަށާއި ކައުންސިލްތަކުގެ އެއްވެސް ބާރެއްނެތި އެއްވެސް ބައިވެރިވުމެއްނެތި އަދި އެއްވެސް ހިއްސާއެއްވެސް ނެތިކަމުގައެވެ.
އިއްޔެ ފެނިގެންގޮސްފައިވަނީ 2މިލިއަނަށްވުރެ ދަށުގެ 20 ޕީއެސްއައިޕީ ޕްރޮޖެކްޓް ހަވާލުކުރެވިގެން ދިޔަތަން ކަމަށާއި މިކަމުންވެސް ފާހަގަކުރެވިގެންދަނީ ރައްޔިތުނަށް މިހާރު ލާމަރުކަޒީ ނިޒާމެއް ހިންގަމުން އަންނަކަން ފާހަގަކުރެވޭވަރަށް މަސައްކަތްތަކެއް ކުރަވެމުންދާކަމާއި ސަރުކާރުގެ ވައުދަކީ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުން، ކައުންސިލްތައް ބާރުވެރިކުރުވުން، ކައުންސިލްތަކުގެ ފުރިހަމަ ބައިވެރިވުމާއިއެކީގައި މަޝްރޫއުތައް ހިންގުންކަމުގައެވެ.
އަދި އަފްޝަން އިތުރަށް ފާހަގަ ކުރެއްވީ ތިބޭފުޅުންގެ ތާއީދާއެކީގައި ސުޕަރ މެޖޯރިޓީ ހޯއްދަވައިދެއްވި ރައްޔިތުންގެ މަޖްލީހުން ފާސްކުރެއްވި އިސްލާހުތަކުގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން، ރައްޔިތުންގެ ބާރުވެރިކަން މިދަނީ އިތުރުވަމުން ކަމުގައެވެ. ކުރިޔަށް މިހޮވިގެން އަންނަ ކައުންސިލްތަކަކީ ބޮޑެތި ބާރާއި ބޮޑު ބަޖެޓާއެކީގައި އަންނާނެ ކައުންސިލްތަކެއްކަމަށާއި އަދި މިކައުންސިލްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ރައްޔިތުންގެ މަޖިލީހުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގައެވެ. އަދި މިޕާޓީގެ މިފިކުރާ މިސިޔާސަތުތައް ގަބޫލުކުރައްވާ މިކަމަށް އަހުލުވެރި ބޭފުޅުން ހޮވުމަކީ ކޮންމެހެން މުހިންމުކަމެއްކަމުގައެވެ.