އިއްޔެ ބައެއް ޚަބަރުތައް އައިސްފައިވާގޮތުން “އެމްޑީޕީ އިންވެސް ދައްކަނީ ކޮންކްރީޓު ތަރައްޤީއޭ” މިކަން ފާހަގަ ކުރައްވާ “ރަށްވެހި ފަތިސް” ކެމްޕެއިންގެ ސްޕޯކްސްޕާރސަން އަފްޝަން ލަތީފު ވިދާޅުވީ 5000 ދިވެހި ކުދިން ހިލޭ ޑިގްރީއަށް ކިޔަވަމުންދާކަމަށާއި އަދި 500 ސްޓޫޑެންޓް ލޯން މިއަހަރު ހުޅުވިގެންދާ ކަމާއި މީ މިސަރުކާރުން ކުރިއަަށްއޮތް ޖީލުތައް ބިނާކުރުމަށް އަޅާ އެއްމެ މުހިއްމު އެއް ފިޔަވަޅު ކަމުގައާއި އަދި އަޅުގަނޑުމެންގެ އެއްމެ މުހިއްމު އެއް ވައުދަކީ ހަމަހަމައަށް ތަޢުލީމުގެ ފުރުސަތު ހުޅުވާލުންްކަމުގައެވެ. އަދި އެކަން މިސަރުކާރުން އެދަނީ ކުރަމުންކަމަށާއި އެކަމަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުން ރައްޔިތުންގެ މަޖިލީހުން އެދަނީ ދެއްވަމުންކަމުގައެވެ. އެހެންކަމުން މިކަންތައްތައްވެސް ވަރަށް ފުރިހަމައަށް ކުރަމުންގެންދާކަން ފާހަގަކުރައްވާ މިކަންތައްތައް އިތުރައް ރަށު ލެވެލްގައި ކޮންމެ މުޖްތަމައުއެއްގައި އެންމެ ފުރިހަމައަށް ކުރެވޭނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކަށް ފުރިހަމައަށް ތާއީދު ދެއްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެންކަމަށް އަފްޝަން ވިދާޅުވިއެވެ.
މީގެ އިތުރުން ދެން އަފްޝަން ވިދާޅުވީ މިހާރު ދެކެވޭ އެއް ވާހަކައަކީ ސިވިލް ސާރވަންޓުންނާއި، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ބިރުދައްކާނެކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ މިއީ ޕީޕީއެމްގެ ސަރުކާރުގައި އެބޭފުޅުންގެ ސަޤާފަތަކަށް ހަދާފައިވާ ކަމަކަށް ވުމުން، ފަހަރެއްގައި މިސަރުކާރުންވެސް ކޮށްފާނެ ކަމަސް ހީވެދާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ. އެގޮތުން ކުރިންވެސް ފާހަގަކުރި ގޮތަށް އެމްޑީޕީ އަކީ އެފަދައިން ވެރިކަންކުރާނެ ބައެއްނޫން ކަމަށާއި، ކޮންމެ ކޮންމެ ކަމަކަށް ރަސްމިއްޔާތެއް ބާއްވާ، އަދި ހަފްލާތަކަށް ބިރު ދައްކައިގެން ނުފޫޒު ފޯރުވައިގެން މީހުން އެއްކުރަން ނޫޅޭނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.
އަދި އެމްޑީޕީ އައީ ރައްޔިތުންނާއި ގާތުން މަސައްކަތް ކޮށް، ޝަކުވާތައް އަޑުއަހައި، ވައުދުތައް ފުއްދައި ހެޔޮވެރިކަމެއް ކުރަންކަމަށް އަފްޝަން ވިދާޅުވިއެވެ. މިގޮތުން ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން ދެން އިރާދަކުރެއްވިއްޔާ ކައުންސިލްތައްވެސް އަންނާނީ އެފަދައިން މަސައްކަތްކުރުމަށް ކަމަށް އަފްޝަން ވިދާޅުވިއެވެ.