ލާމަރުކަޒީ ނިޒާމަކީ ޔާމީން މުޅިން ދެކޮޅު ނިޒާމެއް: ރަށްވެހި ފަތިސް ކެންޕޭނުގެ ސްޕޯކްސްޕާރސަން އަފްޝަން ލަތީފު

ޕީޕީއެމް އިން ތަންފީޒުކުރަމުންދަނީ ރައީސް ޢަބްދުﷲ ޔާމީންގެ ސިޔާސަތުކަމަށް އެ ޕާޓީއިން އަޑުހަރުކޮށް ބުނާބުނުން ބަލައިގަންނަކަމަށާއި، އެސިޔާސަތަކީ މަރުކަޒީ ނިޒާމު ޤަބޫލުނުކުރުންކަމުގައި ރަށްވެހި ފަތިސް ކެންޕޭނުގެ ސްޕޯކްސްޕާރސަން އަފްޝަން ޢަބްދުލް ލަތީފު ވިދާޅުވެއްޖެއެވެ.
ޤަވާޢިދުން މަސައްކަތު ކޮންމެ ދުވަހަކު ރަށްވެހި ފަތިސް ކެންޕޭނުގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުގައި އަފްޝަންވަނީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫންކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ ބަހުސްގައި ޔާމިން ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، ޕީޕީއެމްގެ ވިސްނުމާއި، ޖަލްސާވެސް އިންތިޒާމުކުރެވިފައިވަނީ މަރުކަޒީ ސިފަތައް އެކުލެވޭ ގޮތަށް، އެކި ރަށްތަކުންނާއި އަވަށްޓެރި ޤައުމުތަކުންވެސް މީހުން ގެނެސް މާލެއަށް ޖަމާކޮށްގެންކަން ސްޕޯކްސްޕަރސަން ފާހަގަކުރެއްވިއެވެ.

މިއާއިޚިލާފަށް އެމްޑީޕީން ލާމަރުކަޒީ އިންތިޚާބުގެ ކެންޕޭން ލޯންޗިންގް ޖަލްސާ ބޭއްވީ 161 ރަށެއްގައި އެއް ވަގުތެއްގައެވެ. 108 ރަށެއްގެ ޖަލްސާ ލައިވް ޓެލެކާސްޓް ކުރެވުނެވެ. އެގޮތުން އެމްޑީޕީއިން އެންމެހައި ކެމްޕެއިން ހަރަކާތްތަކެއްވެސް ކުރިއަށް ގެންދާނީ އުތުރުން ދެކުނަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ކަމަށް އަފްޝަން ވިދާޅުވިއެވެ.
މިއާއިއެކު ޔާމިންގެ ވެރިކަމުގައި ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރި ފްލެޓުތައް ބެހުމުގައި ޙައްޤުވެރިންނަށް އިހުމާލުވެފައިވާކަމަށް ވިދާޅުވެ އަފްޝަން ވިދާޅުވީ 90 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓު ނުލިބި، އެންމެ 50 ޕޮއިންޓް ލިބުނު މީހުނަށްވެސް ފްލެޓްތައް ބަހާފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ޕީޕީއެމްގެ ސަރުކާރުގައި ވަށާފާރެއް ރޭނިޔަސް އެކަމަށްވެސް ވަކި ހަފްލާއެއް ބާއްވާ، އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުތަކަށް ބޮޑު ޚަރަދުކުރިކަމަށާއި، މިސަރުކާރުން އެފަދައިން ރަސްމިއްޔާތުތައް ނުބޭއްވުމުގެ މާނައަކީ އެއްވެސް ކަމެއް ނުހިނގާ އޮތުން ނޫންކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
އެގޮތުން، ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ޤާއިމްކުރުމުގެ މަސައްކަތާއި، 30 ރަށެއްްގައި އެއްދަންފަޅިއަށް ސްކޫލް ބަދަލުކުރުމުގެ މަސައްކަތާއި، 20 އަށްވުރެ ގިނަ ރަށުގައި ބަނދަރުގެ މަސައްކަތް ހިނގަމުންދިއުމުގެ އިތުރުން، 5000 އަށްވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުންދާކަން އަފްޝަން ފާހަގަކުރެއްވިއެވެ.
އެމްޑީޕީއާއި، ސަރުކާރާއި “ދީނީ ކާޑު” ބޭނުންކުރަނީ އިދިކޮޅުގައި ވިއްކާނެ ސިޔާސަތެއް ނެތުމާއި، ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދަމުންދާތީ، ދައްކާނެ އެހެން ވާހަކައެއް ނެތިގެންކަމަށްވެސް އަފްޝަންގެ މިއަދުގެ ވާހަކައިގައި އިތުރަށް ވިދާޅުވިއެވެ.