ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ ކުށްވެރިކުރުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ވަނީ ވަރަށް ގިނަ އަސާސީ ޙައްޤުތަކެއް ކަށަވަރުކޮށްދީފައެވެ. އެ ޙައްޤުތަކަކީ މިޕާޓީގެ ނުހަނު ބުރަ މަސައްކަތުން ޤާނޫނުއަސާސީގައި ހިމެނިފައިވާ ޙައްޤުތަކެކެވެ. އަދި، މިޕާޓީއަކީ އެޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ކެނޑިނޭޅި ވަކާލާތު ކުރާ ޕާޓީއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަކީ އެންމެ އަސާސީ އެއް ޙައްޤެވެ. އެހެންނަމަވެސް، އެޙައްޤު ވެސް ބޭނުންކުރުމުގައި އެހެން ޙައްޤުތަކެކޭ އެއްފަދައިން އެޙައްޤު ބޭނުން ކުރެވޭނޭ ހުދޫދުތަކެއް ވެއެވެ. ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢު ބައިބައިކޮށް ފިތުނަ ކުރުމަށް ވާހަކަދެއްކުން (hate speech) އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހުއްދަކުރާ ކަމެއް ނޫނެވެ. އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ވެސް ނޫނެވެ .
މިފަހަކަށްއައިސް، މުޖުތަމަޢުގެ އެއްބައެއް އަނެއްބަޔަކާމެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި މުޖްތަމައުގައި ފިތުނަވެރިކަން އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާކަން ފާހަގަކުރަމެވެ. އެކަން ޙާޞިލުކުރުމަށްޓަކައި އެފަރާތްތަކުން ދެ މައުޟޫއެއްގައި ވާހަކަ ދައްކާކަންވެސް ފާހަގަކުރަމެވެ.
އެއް މައުޟޫޢަކީ، ފަރުދުންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކެވެ. އަދި، އެކަންކުރުމުގައި އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ދިޔުމެވެ. އޭގެ އެއް މިސާލަކީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަރކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެވެ.
ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ޤަބޫލުކުރާ ގޮތް ނޫން އެހެން ރަޢުޔަކަށް ބުރަވާ މީހުންނީ “ލާދީނީ” މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމަޢު ފިތުނަ ކުރުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ވަނީ ގޮސްފައެވެ. ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ ޢައިލާތައް އަނބުރާ މުޖްތަމަޢުތެރެއަށް ގެނައުމުގައި އެމީސްމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގާންޖެހިފައިވާ މުހިއްމު އަދި އެހާމެ ބޮޑު މަސައްކަތެކެވެ. ސަރުކާރުން އެމަސައްކަތް ކުރަމުންދާއިރު، އެމަސައްކަތަށް ގަސްދުގައި ހުރަސްއަޅައި އެމަސައްކަތް ހިންގިޔަ ނުދީ، އެމަސައްކަތް ފެއިލް ކޮށްލުމަށްޓަކައި އެއްވެސް ޢަޞްލެއް ނެތް ވާހަކަތަކާއި ބުހުތާނު ދޮގުވާހަކަތައް ފަތުރައި މުޖްތަމަޢު ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން ފާހަގަކުރަމެވެ. މިޕާޓީން ޤަބޫލުކުރާ ގޮތުގައި އެފަރާތްތަކުން އެކަންކަން ކުރަމުން އެގެންދަނީ ހީލަތްތެރި ވިސްނުމެއްގައި ރޭވުންތެރިކަމާއެކު ސަރުކާރުގެ އެ މަސައްކަތް ފެއިލްކޮށްލުމަށެވެ. ދީނީ ހަރުކަށި ވިސްނުމާއި ހަނގުރާމަވެރި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުމަށެވެ.
މުޖްތަމަޢު ބައިބައިކޮށް، ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދައި ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދެވަނަ މަޢުޟޫއަކީ، މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި، ނަފްރަތު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކެވެ. އެއްބަޔަކު އަނެއް ބަޔަކާ މެދު ފިތުނަވެރި ކުރުމަށް ކުރާ މަސައްކަތެކެވެ. މިފަދަ ރުޅިވެރިކަން ގެނުވާ ފަދަ ނަފްރަތު އުފައްދާ ވާހަކަތައް (hate speech) އެކިއެކި ފަރާތްތަކުން ދައްކަމުން ގެންދާކަމީ މިޕާޓީ ކަންބޮޑުވާ ކަމެކެވެ. މިފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެނަމަ ޤައުމުގައި ބައިބައިވުން އިތުރުވެ، ޤައުމުގެ އަމަންއަމާންކަމާއި، ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުޞަތު އިންތިހާއަށް ބޮޑެވެ. ވީމާ، ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިޔާގައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބެލުމަށް އިލްތިމާސް ކުރަމެވެ.