މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އެމްޑީޕީ އިން އަބަދުވެސް މަސައްކަތްކުރާ ކަމެއް ކަމަށާއި، މިފަހަރުގެ ކައުންސިލް އިންތިހާބުގެ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަން އޭގެ ހައްގުވެރިންނަށް ހޯދައި ދިނުންކަމަށް ކެމްޕެއިންގެ ސްޕޯކްސްޕާރސަން އަފްޝަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. އެގޮތުން މިނިމިގެންދިޔަ ހޯމަ ދުވަހު ގެޒެޓް ކުރެވިފައިވާ އިއުލާނުގައި، ވެށިފަހި މާލެ ޕްރޮޖެކްޓުގެ ދަށުން އަރަބިއްޔާއާއި ގާކޮށިން ފްލެޓްދޭނެ ކަމަށް ލިޔުން ލިބި އެފުރުސަތު ގެއްލިފައިވާ ފަރާތްތަކަށް އެމީހުންގެ ހައްޤު އަލުން އަނބުރާ ހޯދައިދިނުމަށް ޕާޓީއާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އަފްޝަން ހާމަކުރެއްވިއެވެ.
ހަމަމިއާއެކު ހޯމަދުވަހު ސުންގަޑި ހަމަވެގެންދިޔަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެމްޑީޕީގެ 710 ކެނޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައިކަމަށް ނިއުސް ކޮންފަރެންސްގައި ގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ އުފަލާއެކު ޕާޓީން ބަލައިގަންނަ ކަމެއް ކަމުގައިވެސް އަފްޝަން ވަނީ ވިދާޅުވެފައެވެ.
އަފްޝަންގެ ވާހަކައިގައި އިތުރަށް ވިދާޅުވީ 27 ފެބްރުއަރީގެ ކުރިން ރީރެޖިސްޓަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތައް އެކަން ކުރައްވަންޖެހޭނެ ކަމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ޕާޓީގެ މައި ކެމްޕެއިން އޮފީހުން އަބަދުވެސް އެމަސައްކަތް ކޮށްދެއްވަމުން ދާނެކަމަށެވެ. އަދި ހަމަމިގޮތަށް މިހިނގާ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ކެނޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދޭ ފަރާތަތަކަށް އެފުރުސަތުވެސް ހުޅުވިގެންދާނެ ކަމަށެވެ. އަދި 8 މާރޗްގެ ނިޔަލަށް މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފޯމް ހުށަހެޅޭނެ ކަމަށާއި ވީހާވެސް ގިނަ ބޭފުޅުން މިކަމުގައި ބައިވެރިވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އިންތިހާބަކީ އާގޮތަކަށް ކުރިއަށް ގެންދެވޭ އިންތިހާބަކަށްވުމާއި، ކެނޑިޑޭޓުންގެ އަދަދު މިއިންތިހާބުގައި ގިނަ ވުމާއެކު ވިހާވެސް ގިނަ މަންދޫބުން ހަރަކާތްތެރި ވުމަކީ އެމްޑީޕީއަށް ފައިދާވާނެ ކަމެއްކަމަށް ސްޕޯކްސްޕާރސަން ވިދާޅުވިއެވެ. ސަބަބަކީ އިންސާފުވެރި އިންތިހާބެއް ޔަޤީންކުރުމަކީ އަބަދުވެސް އެމްޑީޕިން ބޭނުންވާ ކަމަކަށް ވާތީއެވެ.
ފަހުކަމެއްގެ ގޮތުން މިއަދު އަފްޝަން ފާހަގަކުރެއްވީ އެމްޑީޕީން އޮބްޒާރވަރުންނާ މޮނީޓަރުން ތަމްރީން ކުރުމަށް މަސައްކަތްތަކެއް ފަށާފައި ވާކަމަށާއި ހޭލުންތެރިކަން އިތުރު ކުރުމަށް ވާރކްޝޮޕްތައް ހިންގަމުން ދާކަމަށެވެ. މީގެ ތެރޭގައި ޚާއްސަކޮށް ވޯޓު ލާންޖެހޭ ގޮތަށް ރައްޔިތުން ފަރިތަކުރުމަށް މަސައްކަތްކުރެވިގެން ދާނެކަމަށެވެ. އަދި މީގެ ކުރިންވެސް ރައްޔިތުން ދިން ތާއީދު ތަކުރާރުކޮށް ރަށްވެހި ފަތިހަކަށް ވާސިލް ވުމަށް އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުން މުހިއްމު ކަމަށް އަފްޝަންގެ ވާހަކަކޮޅު ނިންމާލަމުން ވިދާޅުވިއެވެ.