މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން “ރަށްވެހި ފަތިސް” ކެމްޕެއިންގައި ވީހާވެސް މަދުން ޕްލާސްޓިކް ބޭނުން ކުރަން ނިންމައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން “ރަށްވެހި ފަތިސް” ކެމްޕެއިންގައި ވީހާވެސް ބޮޑަށް ތިމާވެއްޓާއި ރައްޓެހިގޮތަށް
ކެމްޕެއިން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިކަމުގައާއި މިގޮތުން ވީހާވެސް މަދުން ޕްލާސްޓިކް ބޭނުން ކުރަން ނިންމާފައިވާކަމުގައި
ކެމްޕެއިންގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފު ވިދާޅުވިއެވެ.

އަދި ޕާޓީއިން ޕްރޮމޯޓުކުރާ ސިޔާސަތުގެ މަތިން އަދި ޚާއްޞަކޮށް “އެޖެންޑާ19” ގައި ވަކާލާތު ކުރަމުން ގެންދިޔަ ކަންތައްތަކާއި އެއްގޮތްވާ ގޮތަށް ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދާ ޕާޓީގެ “ރަށްވެހި ފަތިސް” ކެމްޕެއިންގައި ބޭނުންކުރާ މެޓީރިއަލްސް ތަކަކީ ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކޮށް ކުރިޔަށް ގެންދާނެ ކެމްޕެއިންއެއް ކަމުގައި އަފްޝަން ވިދާޅުވިއެވެ. އަދި 21 ފެބްރުވަރީ ވީ ހުކުރު ދުވަހުގެރޭ ބޭއްވި “ރަށްވެހި ފަތިސް” ކެމްޕެއިން ލޯންޗިންގ ޖަލްސާތަކުގައި ބޭނުންކުރި ބެކްޑްރޮޕްތަކަކީ ފޮތިން ހަދާފައިވާ ބެކްޑްރޮޕްތަކެއްކަމަށާއި މާލެ ޖަލްސާގައި ހަރުކުރެވިފައިވާ 20 ފޫޓު 40 ފޫޓުގެ ބޮޑު ބެކްޑްރޮޕަކީވެސް ފޮތިކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން އިތުރަށް ވިދާޅުވި ގޮތުގައި “ރަށްވެހި ފަތިސް” ޖަލްސާ ކުރިއަށް ގެންދިއުމަށް ރާއްވާފައިވަނީ ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށެވެ.

ސަރުކާރާއި ޕާޓީއާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރައްޔިތުންގެ ޝަކުވާތައް ޙައްލުކުރުމަށް މަސައްކަތް ކުރާނެކަމަށާއި މިކަން ޕާޓީގެ “އެޖެންޑާ19” ގައި ހުށަހެޅި ސިޔާސަތުތަކުން އަދި “އެޖެންޑާ19” ގެ ދަށުން މަޖިލީހުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ސާބިތުވެގެންދާކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ހިންގުމުގެ ޤާނޫނު 19 ވަނަ ރައްޔިތުންގެ މަޖިލީހުން އިސްލާހުކުރިއިރު، ޚާއްސަ އިސްކަމެއްދެވިގެން ކައުންސިލްތަކުގެ %33 އަންހެންވެރިންނަށް ކަނޑައަޅާފައި އޮތްއޮތުމަށް އިޝާރާތްކުރައްވައި އަފްޝަންވިދާޅުވީ އެމްޑީޕީގެ އަންހެން ކެންޑިޑޭޓުންގެ އަދަދަކީ 337 ކަމަށާއި އެއީ ޕާޓީން މިއިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ %38 ކަމަށާއި ކުރިއަށްއޮތް ކައުންސިލް އިންތިޚާބުނިމި ރަށްވެހި ފަތިހަށް އަލިވިލުމާއެކު ރަށްރަށުގެ ހުރިހާ މަޝްރޫޢު އެއްވެސް، ހުރިހާ ޕްރޮޖެކްޓެއްވެސް ހިންގޭނީ އަންހެނުންގެ ބޮޑު ޙިއްސާއެއް އޮވެގެން ކަމަށާއި، އެއާއެކު ހައްލު ނުލިބި ހުރި ގިނަ މައްސަލަތަކަށް ދާއިމީ ޙައްލު އަންނަ މަންޒަރު ފެންނާނެކަމަށެވެ.

މިއަދުއޮތް ނޫސްވެރިންގެ ބައްދަލުވުމަށް އިތުރު މައުލޫމާތުދެއްވަމުން އަފްޝަން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ 877 އެޕްލިކޭޝަން ފޯމް އިލެކްޝަންސް ކޮމިޝަނުންވަނީ ބަލައިގަނެފައިކަމުގައެވެ. އަދި މިއާއެކު އެމްޑީޕީ އަށް 877 ކައުންސިލް ކެންޑިޑޭޓުން ކަށަވަރުވެފައިވާ ކަމުގައި ވިދާޅުވިއެވެ.

އަދި ހަމަ 27 ފެބުރުވަރީ (ބުރާސްފަތި) ދުވަހަކީ ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވާ ދުވަސްކަމަށާއި ފަހުވަގުތަށް ނުތިއްބަވާ ވީހާވެސް އަވަހަށް ރީ-ރެޖިސްޓްރީ ކުރައްވަންޖެހޭ ފަރާތްތަކުން ރީ-ރެޖިސްޓްރީކޮށް ނިންމުމަށް އަފްޝަން އެދި ވަޑައިގަތެވެ. އަދި ރީ-ރަޖިސްޓްރޭޝަންގެ ކަންކަމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާފަރާތްތަކަށް އެމްޑީޕީ ކެމްޕެއިން އޮފީހުން (ކުރީގެ ލުއުލުއު ފިހާރަ، ސޯސަންމަގު) އެކަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަފްޝަން ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެޕްލިކޭޝަން ހުށަހެޅުމަށް އެންމެފަހުގެ ތާރީޚަކީ މިހިނގާ ފެބްރުވަރީ މަހުގެ 24 ވާ ހޯމަ ދުވަސްކަމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެޕްލިކޭޝަން ހުށަހެޅުމަށް އެހީތެރިކަމެއް ބޭނުންވާ ފަރާތްތައް އެމްޑީޕީ ކެމްޕެއިން އޮފީހަށް ވަޑައިގަތުމުން އެކަމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށެވެ.