މަދަނަ ޖަގަހައިގެ ނަމުގައި އެމްޑީޕީން ޖަގަހައެއް ހުޅުވައިފި

27 ޖެނުއަރީ 2010
މަދަނަ ޖަގަހައިގެ ނަމުގައި އެމްޑީޕީގެ ހަރަކާތްތެރިން މ. ނިއުސަނީވޭ ގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވައިފިއެވެ. މި ޖަގަހަ ހުޅުވުން އޮތީ އަންގާރަ ދުވަހުގެރޭ 9.00 ގައެވެ.
މަދަނަ ޖަގަހަ ހުޅުވުމުގައި އިސްކޮށް ހަރަކާތްތެރިވެލެއްވި ބޭފުޅެއް ކަމަށްވާ (ވެލިދޫ) މުހައްމަދު ހަލީމް، އެމްޑީޕީ މީޑިޔާ ޔުނިޓަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެ ޖަގަހަޔަކީ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދައުލަތުންދޭ އެހީ އާއި މަދަނައާއި ބެހޭ ސައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިތުރުން ސަބްސިޑީ ފޯމުތައް ފުރުމުގައި ދަތިކަން ކުރިމަތިވާ ފަރާތްތަކަށް ފޯމު ފުރައިދިނުމަށް ހުޅުވި ޖަގަހައެއް ކަމުގައެވެ. އަދި ފުރަތަމަ ރޭ އެކަނިވެސް 50 އާ ގާތްކުރާ އަދަދެއްގެ މީހުން ސަބްސިޑީ ފޯމު ފުރުމަށް އެޖަގަހައަށް ގޮސްފައިވާތީ، ޖަގަހަ ހުޅުވުމުގެ މަޤްޞަދު ޙާޞިލްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމުގައިވެސް ހަލީމް ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވީ އެބޭފުޅުންގެ އެހީތެރިކަން ލިބިވަޑައިގަންނަވާނީ ހަމަ އެކަނި އެމްޑީޕީގެ މެންބަރުންނަށް އެކަނި ނޫން ކަމަށާއި، ކޮންމެ ޕާޓީއެއްގެ މެންބަރަކަށް ވިޔަސް އެޖަގަހައިން އެހީތެރިކަން ފޯރުކޮށްދެއްވާނޭ ކަމުގައެވެ. މަދަނަ ޖަގަހަޔަކީ ދިވެހި އެންމެހާ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އުފެއްދި ޖަގަހަ އެއް ކަމަށާއި، ވަކި ޕާޓީއެއްގެ ބޭފުޅަކަށްވާތީ މިޖަގަހައިގެ ޚިދުމަތް ހޯއްދެވުމަށް ފަސްޖެހިވަޑައިނުގެން ޖަގަހައިގެ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ހޯދުމަށްހަލީމް އިލްތިމާސްކުރެއްވިއެވެ.
މާފަންނު ޝަހީދު އަލީހިނގުމުގައި ރާނބާ ރެސްޓޯރަންޓް ކައިރީގައި ހުންނަ މަދަނަ ޖަގަހަ ހުޅުވިފައި ހުންނާނީ ރޭގަނޑު 9 ން 11 އަށެވެ.