މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން “LCE20” އަށް ބޭނުންކުރާނެ ޕޯސްޓާރ ހަރުކުރުމަށް މުޅި ރާއްޖޭގައި ބޮޑު ހަރަކާތެއް ބޭއްވުމަށް ތައްޔާރުވެއްޖެ.

15 ފެބްރުވަރީ 2020 (ހޮނިހިރު) ދުވަހު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެދުނު 09:00 ގައެވެ. އަދި މާލޭގައި މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެމް.ޑީ.ޕީ މައި ހަރުގެއިންނެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމް.ޑީ.ޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 09:15 ގައި ދެރައީސުން ބައިވެރިވެ ވަޑައިގަންނަވާ ހެދުނުގެ ސައިފޮދަކުންނެވެ.
ސައިފޮދަށްފަހު 09:30 ގައި ދެރައީސުން އެމް.ޑީ.ޕީ ހަރުގޭގައި ޕޯސްޓަރ ކުރެހުން ފައްޓަވައިދެއްވާނެއެވެ. އަދި މާލޭގެ އެކި ސަރަހައްދުގައި ޕޯސްޓަރ ހަރުކުރުން 10:00ގައި ފައްޓަވާދެއްވުމާއި އެކީގައި މުޅިރާއްޖޭގައި މިހަރަކާތް އެއްފަހަރާ ކުރިޔަށް ގެންދާނެއެވެ.
މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގުމަށް ހަމަޖެހިފައިވާ މިހަރަކާތް މެންދުރު 12:00 އިން 2:00އަށް މެދުކަނޑާލުމަށްފަހު، މެންދުރު 2:00 އިން އިރުއޮއްސި 6:00އަށް ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދާނީ ރާއްޖޭގެ ރަށްތަކުގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައެވެ.