ލޯކަލް ކައުސިލް އިންތިޚާބުގެ އެމް.ޑީ.ޕީ ޕްރައިމަރީގެ ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓާއިގުޅޭ

ލޯކަލް ކައުސިލް އިންތިޚާބުގެ އެމް.ޑީ.ޕީ ޕްރައިމަރީގެ ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓު ގުނައި ނިމުމާ ގާތަށް ގޮސްފައިވަނިކޮށް، ވޯޓު ކަރުދާހެއް ބާޠިލު ކަމުގައި ކަނޑައެޅި ގޮތާމެދު އުފެދުނު ޚިލާފެއްގެ ސަބަބުން ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ވޯޓު ކަރުދާސްތައް ޖަހައިގަތުމަށް ބައެއް މެންބަރުން މަސައްކަތްކުރަން ފެށުމުން، ވޯޓު ފޮށީގެ ވެރިޔާގެ އެދުމުގެ މަތީން ވޯޓު ކަރުދާސްތައް ރައްކާތެރިކަމާއެކު ވާނީ އަލުން ވޯޓު ފޮއްޓަށް އަޅައި ފޮށި ބަންދުކޮށް ވޯޓުފޮށި ބަހައްޓާ މަރުކަޒަށް ގެންދެވިފައެވެ. އޭގެ ފަހުން، އެ ދާއިރާގެ ވޯޓު އަލުން ގުނުމަށްޓަކައި އެ ދާއިރާގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން އަދި ކޮންމެ ކެންޑިޑޭޓަކު އެއް މަންދޫބާއެކު 5 ފެބުރުއަރީ 2020 ދުވަހުގެ 14:30 އަށް ޕާޓީ އޮފީހަށް ޙާޟިރުވުމަށް ދެންނެވިފައިވަނިކޮށް، އެދާއިރާއަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އަޙްމަދު އާސިމް،(ކެންޑިޑޭޓު ނަންބަރު 3) އާއި އިބްރާހީމް މަނިކު، (ކެންޑިޑޭޓު ނަންބަރު 1) އާއި، މުޙައްމަދު ފިޝާވިން ސަލީމް (ކެންޑިޑޭޓް ނަންބަރު 5) އިތުރު ބަޔަކާއެކު ޕާޓީ އޮފީސް ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގައި، ވޯޓުފޮށި ޖަހައިގަނެ އޮފީހުން ބޭރަށް ގެންދިއުމަށްފަހު ފޮށި ހުޅުވައި އެ ފޮށީގައި ހުރި ވޯޓުކަރުދާސްތައް ނަގައި މަގުމައްޗަށް އުކައި އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގެންފައިވާތީއާއި، މިކެންޑިޑޭޓުންގެ މި ޢަމަލަކީ ޕާޓީގެ މެންބަރުންގެ ސުލޫކާ ޚިލާފް، އަދި ޕާޓީގެ ނަމުގައި އިންތިޚާބީ މަޤާމަކަށް ވާދަކުރުމަށް މަސައްކަތްކުރާ ކެންޑިޑޭޓުންގެ ކިބައިން ފެނިގެންނުވާނޭފަދަ ޢަމަލަކަށްވާތީ، މިމައްސަލައިގައި ކަންހިނގައިދިޔަ ގޮތަށް ބެލުމަށްފަހު، އަޙްމަދު އާސިމް،(ކެންޑިޑޭޓު ނަންބަރު 3) އާއި އިބްރާހީމް މަނިކު، (ކެންޑިޑޭޓު ނަންބަރު 1) އާއި، މުޙައްމަދު ފިޝާވިން ސަލީމް (ކެންޑިޑޭޓް ނަންބަރު 5) ގެ ކެންޑިޑެސީ ބާޠިލުކޮށް ލޯކަލް ކައުންސިލް އިންތިޚާބުގެ ހެންވޭރު ހުޅަނގު ދާއިރާއިން މާލޭ ސިޓީ ކައުންސިލްއަށް މި ޕާޓީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓަކީ އާއިޝަތު މޫސާ (ކެންޑިޑޭޓް ނަންބަރު 2) ކަމުގައި ނިންމާފައިވާ ވާހަކަ ދެންނެވީމެވެ. އާއިޝަތު މޫސާއަކީ މިޕާޓީން ވާދަކުރާނޭ ކެންޑިޑޭޓު ކަމުގައި ޕާޓީން ނިންމާފައިއެވަނީ، މިޕާޓީގެ ޕްރައިމަރީގައި ނެގި ވޯޓުގައި އާއިޝަތު މޫސާ އާއި އަޙްމަދު އާސިމް،(ކެންޑިޑޭޓު ނަންބަރު 3) އަށް އެންމެ މަތީން ވޯޓުލިބި، އެ ދެކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވަނިކޮށް ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެން އަލުން ވޯޓު ގުނުމަށް ޕާޓީން ނިންމާފައިވަނިކޮށް 5 ފެބްރުއަރީ 2020 ވަނަ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން އަޙްމަދު އާސިމްގެ ކެންޑިޑެސީ ބާޠިލުވުމުގެ ސަބަބުންނެވެ. 5 ފެބުރުއަރީ 2020 ދުވަހު ހިންގި ހަމަނުޖެހުމުގައި ބައިވެރިވި އަޙްމަދު އާސިމް،(ކެންޑިޑޭޓު ނަންބަރު 3) އާއި އިބްރާހީމް މަނިކު، (ކެންޑިޑޭޓު ނަންބަރު 1) އާއި، މުޙައްމަދު ފިޝާވިން ސަލީމް (ކެންޑިޑޭޓް ނަންބަރު 5) އާއި އެ ހަމަނުޖެހުމުގައި ޝާމިލުވި ފަރާތްތަކުގެ ސުލޫކީ މައްސަލަ މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް މިހާރު ހުށަހަޅާފައިވާ ކަމުގައިވެސް ދަންނަވަމެވެ.