މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓް “ނައުޓީ މެޓޮކްސް”އަށް މަރުގެ އިންޒާރުދީ، ބިރުދައްކާފައިވާތީ، އެކަން މި ޕާޓީއިން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
6 ޑިސެންބަރު 2019 ވީ ހޮނިހިރު ވިލޭރޭ މާލޭ މަޖީދީމަގު އިރުމަތީ ފަރާތުން، ބޮޑުތަކުރުފާނު މަގާއި ބައްދަލުވާ ހިސާބުން ސައިކަލެއްގައި އައި ދެމީހަކު މަރާލާނެކަމަށް ބުނެ، އޭނާއަށް އިންޒާރުދީފައިވަނީ ޓްވިޓަރ މެދުވެރިކޮށް ދެއްކި ވާހަކަތަކަކަށް ޢިޝާރާތްކޮށެވެ. މި މައްސަލަ އޭނާވަނީ މޯލްޑިވްސް ޕޮލީސް ސަރވިސަށް ހުށަހަޅާފައެވެ.
ޚިޔާލު ތަފާތުވާ ކޮންމެ ހިނދެއްގައި، ޖިސްމާނީ އަނިޔާގެ އިންޒާރު ދިނުމާއި، އަނިޔާވެރިކަން އިސްކުރުމީ 21 ވަނަ ޤަރުނުގެ ތަޙްޛީބު މުޖުތަމަޢެއްގައި ބަލައިގަނެވޭނެފަދަ ކަމެއް ނޫނެވެ. އަދި އިންސާނުންގެ މެދުގައިވާ ދެބަސްވުމާއި، ހުންނަ ޚިޔާލު ތަފާތުވުން ނައްތާލުމަށް ޖާހިލިއްޔަ ޒަމާނުގައި ޢަމަލުކޮށް އުޅުނު ގޮތްމެއެވެ.
މިއާއެކު ސީރިއަސް ނަޒަރެއްގައި އެކަމުގެ މައްޗަށް ފިޔަވަޅު އަޅަން ލާޒިމުވާފަދަ ޖިނާޢީ ކުށެއްވެސްމެއެވެ.
މިބާވަތުގެ ހަރުކަށި ޢަމަލުތަކުން ކުރިފަޅާ ހެދި، އުފެދޭ ރުޅިވެރިކަމާއި، ފިތުނައިގައި ކިތަންމެ ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަށް މި ފަހުން ކަންގޮސްފައި ހުރިކަން މިހިނދު ފާހަގަކުރަމެވެ.
އެހެންކަމުން މި ޢަމަލު ހިންގި ފަރާތް ހޯދާ، އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސާއި، ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ގޮވައިލަމެވެ.
މިއާއެކު، ދެބަސްވުމާއި، ޚިޔާލު ތަފާތުވުމުގެ ކުރިމަތީގައި، ބުއްދިއާއި، ޙިކްމަތް ކުރިއަށްނެރި، މަޝްވަރާއާއި، ނަސޭޙަތުގެ އިސްލާމީ ރިވެތި އުސޫލު ކުރިއަށްނެރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.