ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ 1 އަހަރުގެ ކާމިޔާބީތަކަށް އެމްޑީޕީއިން މަރުހަބާ ދެންނެވުން

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް 1 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި އެމްޑީޕީއިން ތަހުނިޔާއާ މަރުހަބާ ދަންނަވަމެވެ. އަނިޔާވެރިކަމާ، ފަސާދައާ، ޚިޔާނަތުން ކިލަނބުވެފައިވާ ވެރިކަމެއްގެ ނިމުމަށްފަހު، ރައްޔިތުންނަށް ހެޔޮ ވެރިކަމާ، އަދުލުވެރި ފަނޑިޔާރުގެ ހަމަހަމަކަމާ އިންސާފުވެރިކަމާއެކު ކޮންމެ ދިވެހި ރައްޔިތަކަށްމެ ޚިދުމަތް ކޮށްދޭނެ ކަމުގެ ވައުދުތަކާއެކު ވެރިކަމަށް ވަޑައިގެން، އެވައުދުތައް ރަނުން ރަނަށް ސަރުކާރުން ފުއްދަވަމުން ގެންދަވާކަން އުފަލާއެކު މިޕާޓީން ފާހަގަކުރަމެވެ. އަދި މިއީ 2018 ގެ ރިޔާސީ އިންތިޚާބުގެ ވޯޓުން ރައްޔިތުން ހާމަކޮށްދީފައިވާ އެންމެ މުހިއްމު އެދުންތައް ކަމުގައި ވީހިނދު، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ފާހަގަކޮށް ރައީސުލް ޖުމްހޫރިއްޔާއަށާ، އެމަނިކުފާނުގެ ކެބިނެޓަށާ، ސަރުކާރުގެ ވެރިންނާ، އެކި މަޝްރޫއުތަކުގައި ފުރިހަމައަށް މަސައްކަތްކުރައްވަމުން ގެންދަވާ ސިވިލް ސަރވަންޓުންނަށް މަރުހަބާއާ ޝުކުރު ދަންނަވަމެވެ. އަދި މިއުފާވެރި މުނާސަބަތުގެ ތަހުނިޔާ އެމްޑީޕީގެ މެންބަރުންނާ ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރަމެވެ.

ބިރުވެރިކަމާ ހާސްކަމާ ނުތަނަވަސްކަމުގެ ތެރޭގައި ރައްޔިތުން ވޭތުކުރި އަހަރުތަކަކަށްފަހު، މިސަރުކާރުގެ ވެރިކަމުގައި މިނިވަންކަމާ ހިތްހަމަޖެހުމާއެކު ފާއިތުވި 1 އަހަރު ހޭދަކުރެވިފައިވާކަމީ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމޖެހުން ކަމުގައި މިޕާޓީން ދެކެމެވެ. ކުށް މަދު އަމާން ވެއްޓެއް ޤާއިމްވުމާއި، ވެރިކަމުގެ ހިންގުމުގެ ނިޒާމު ހަރުދަނާވުމާއި، ބަނދެވިފައިވާ މިނިވަން މުއައްސަސާތައް ބާރުވެރިވުމާއި، ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދުމަށާއި ޚިޔާނަތްތަކުގެ މައުލޫމާތު ހޯދުމަށް މަސައްކަތްތަކެއް ކުރެވިގެން ދިއުމާއި، ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް ލާމަރުކަޒީ ނިޒާމަށް ގެނެވޭ މުހިއްމު ބަދަލުތަކުން ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުމާ އުފާވެރިކަން ލިބެމުންދާކަން ފާހަގަކުރަމެވެ. ފާއިތުވި އަހަރު ރާއްޖޭގެ އެކި ހިސާބުގައި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫތައް ފެށިގެން ކުރިއަށްދާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ތައުލީމާ ސިއްހަތާ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާކަމަށް ވުމަކީ އޯގާތެރި ސަރުކާރަކުން، ފަޚުރުވެރި އާއިލާތަކެއް ބިނާކޮށް ހަގީގީ ޖަޒީރާ ރާއްޖެއަށް ވާސިލްވުމަށް ކޮށްފައިވާ މުހިއްމު މަސައްކަތްތަކެއްކަން މިޕާޓީއިން ދެކެމެވެ. އަދި ރާއްޖޭގެ އެކި ހިސާބުގައި ތައުލީމާ، ސިއްހަތާ، ގެސްޓްހައުސް ވިޔަފާރިއާ، ކުޅިވަރާ، އިޤްތިސާދީ އެކި ހަރަކާތްތައް ކުރިއެރުވުމަށް ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކުގެ ނަފާ ރައްޔިތުންނަށް ލިބިގެންދާނެކަމާ މެދު ޔަޤީންކުރަމެވެ.

ރައްޔިތުންނަށް ޚިޔާލުފާޅުކުރުމާ އެއްވެ އުޅުމުގެ މިނިވަންކަމާ، ސިޔާސީ ނުފޫޒުގެ ސަބަބުން ވަޒީފާގެ ބިރުވެރިކަމެއް ކުރިމަތިނުވުމާ، ބޭރު ދުނިޔެއިން އެކަހެރިވެފައިވާ ދިވެހި ރާއްޖެ އަލުން ޚާރިޖީ ގުޅުންތައް ހަރުދަނާކުރުމާ، މިފަދަ އެތައް ކަމަކުން ރައްޔިތުންނަށް ހެޔޮ ވެރިކަމެއްގެ ފޮނިމީރުކަން ހާސިލްވަމުންދާނެކަމާ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު އިފްތިތާހުކުރެވި ތަރައްޤީގެ މަޝްރޫއުތައް ހިންގާނެ ގޮތުގެ ފުރިހަމަ ރޭވުމަކާ މަންޒަރެއް ރައްޔިތުންނަށް ހުށަހެޅިފައިވާތީ ސަރުކާރުގެ ވައުދުތައް ފުއްދާ ޖަޒީރާ ރާއްޖެ
މެނިފެސްޓޯއާއި އެޖެންޑާ19 ސިޔާސަތުތައް ތަންފީޒުކުރުމުގައި ފަސްނުޖެހޭނެ ކަމާއިމެދު މިޕާޓީން ޝައްކެއް ނުކުރަމެވެ.

މިޕާޓީގެ އަބަދުވެސް އުއްމީދަކީ އަދި ދުޢާއަކީ ދިވެހިންނަށް ހިތްހަމަޖެހިގެން ތާހިރު ދިރިއުޅުމެއް ބިނާކުރެވުމެވެ.