އެމްޑީޕީގެ ވަފްދެއް އއ.ތޮއްޑޫއަށް ޒިޔާރަތްކޮށްފި

17 ޖެނުއަރީ 2010
އެމްޑީޕީގެ ވަފްދެއް ހުކުރު ދުވަހު ހަވީރު މެދު އުތުރު ޕްރޮވިންސްގެ އއ.ތޮއްޑޫ އަށް އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ ޒިޔާރަތެއްކޮށްފިއެވެ.
ތޮއްޑޫއަށް އެމްޑީޕީގެ ވަފްދު މިކުރި ދަތުރުގައި ވަފްދުގެ ބޭފުޅުން ތޮއްޑޫގެ ގޭގެއަށް ޒިޔާރަތްކުރައްވައި އެރަށުގެ އާންމު ޙާލަތު ބައްލަވާލެއްވިއެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ބެހޭ ގޮތުން އެރަށުގެ ރައްޔިތުންނަށް މިވަފްދުގެ ބޭފުޅުން މަޢްލުމާތު ދެއްވިއެވެ. އެގޮތުން ސަރުކާރުގެ 5 ވަޢުދާއި ބެހޭގޮތުންނާއި، ޚާއްޞަ ކޮށް މަދަނަ ޕްރޮގްރާމާ ބެހޭ ފުރިހަމަ މަޢްލޫމާތު ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވިފައި ނުވާތީ އެޕްރޮގްރާމްގެ ފައިދާތަކާ ބެހޭ ގޮތުން ތޮއްޑޫގެ ރައްޔިތުންނަށް މަޢްލޫމާތު ދެއްވިއެވެ.
ތޮއްޑޫގައި ތިބި އެމްޑީޕީގެ މެންބަރުންނާވެސް މިވަފްދުގެ ބޭފުޅުން ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެފަރާތްތަކުން އެމްޑީޕީއަށް ފޯމު ފުރާފައިވީ ނަމަވެސް ޕާޓީގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި އޭގެ ތެރެއިން ވަރަށް ގިނަބަޔަކު ރަޖިސްޓްރީ ވެފައިނުވާ ކަމުގެ ޝަކުވާ ހުށަހަޅާފައެވެ. އެގޮތުން މިހާތަނަށް އެމްޑީޕީއަށް ފޯމު ފުރާފައިވާ 180 އަށްވުރެ ގިނަ މީހުން އިލެކްޝަންސްގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިނުވާތީ ތޮއްޑޫގައި ރަޖިސްޓްރޭޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މިވަފްދުގައި ވަޑައިގެންނެވި އިސް ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހްގެ އިތުރުން ހޯމް މިނިސްޓްރީގެ ނައިބު މުޙައްމަދު ފިރާގާއި، މެދުއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބް އިބްރާހީމް ރަޝީދާއި، އއ. އަތޮޅު ކައުންސިލަރ މޫސާ ނައީމް ހިމެނިވަޑައިގަންނަވައެވެ.
އެމްޑިޕީގެ އިސްވަފްދެއް ދާދި ފަހުން ތުލުސްދޫއަށް ވެސް މިފަދަ ޒިޔާރަތެއްކޮށްފައި ވެއެވެ.