އޭޝިޔާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަން (އޭ.ޕީ.ޑީ.ޔޫ) އިން އޮސްޓްރޭލިއާގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޗެއަރޕާސަން އަލްއުސްތާޛު ޙަސަން ލަޠީފް އާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް ފާތިމަތު އަފްޝަން ލަޠީފް މިއަދު ފުރާވަޑައިގެންފި

އޭޝިޔާ ޕެސިފިކް ޑިމޮކްރެޓް ޔުނިއަން (އޭ.ޕީ.ޑީ.ޔޫ) އިން އެ ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ދަޢުވަތު ދީގެން ބާއްވާ މަޝްވަރާ ބައްދަލުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާގައެވެ. މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދާނީ މިހިނގާ އޮކްޓޯބަރ މަހުގެ 17 އިން 19 އަށެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެމްޕެއިންގެ ޙަރަކާތްތައް ހިންގި ގޮތުގެ މަޢުލޫމާތާއި އަދި މި ޕާޓީއިން މި އިންތިޚާބުތަކުގައި ހޯދި ކާމިޔާބީތައް ހިއްސާކުރައްވާނެއެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މި ޕާޓީގެ ކެމްޕެއިން ހިންގާނެ ގޮތުގެ މަޢުލޫމާތު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މި މަޝްވަރާ ބައްދަލުވުމުގައި ޙިއްސާކުރައްވާނެއެވެ.
އޭޝިޔާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަންއަކީ އިންޓަރނޭޝަނަލް ޑިމޮކްރެޓް ޔޫނިއަންގެ ދަށުން އުފައްދާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ އޭ.ޕީ.ޑީ.ޔޫ ގެ މެމްބަރެކެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛް ޙަސަން ލަޠީފްއަކީ އޭ.ޕީ.ޑީ.ޔޫ ގެ ވައިސް ޗެއަރމަންއެވެ.