ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ގުޅޭ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މާފަންނު ސީނާ ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، މާފަންނު ކޮކާހަނދުވަރުގޭ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ޢައްޔަންކުރެއްވުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ދެ ބޭފުޅުންގެ ނަންފުޅު ފޮނުއްވާފައިވާތީ، މިޕާޓީން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުހަބާ ދަންނަވަމެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޖޭ.އެސް. ސީ އަށް ނަންފުޅު ފޮނުއްވި ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދަކީ އަންހެން ދެބޭފުޅުން ކަމަށްވާތީ، އެ ދެބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް ރިޢާޔަތް ކުރާއިރު ފަނޑިޔާރުކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަން ކުރުމަކީ ޤާނޫނުއަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އެއްވެސް ޤާނޫނަކާ ޚިލާފު ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ، އިސްލާމް ދީނުގެ އެއްވެސް އަސާސަކާވެސް ޚިލާފު ކަމެއް ކަމުގައެއް މިޕާޓީއަކުން ނުދެކެމެވެ. މީގެ އިތުރުން، މިމައުޟޫޢުގައި ކޮށްފައިވާ ގިނަ ދިރާސާތަކާއި، ބައިނަލް އަޤްވާމީ ގިނަ އިސްލާމީ ޖަމްޢިއްޔާތަކުން މިކަމުގައި ދެކޭ ގޮތަށް ބަލާއިރު، ކޯޓުތަކުގައި ޝަރީޢަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން ތިބުމަކީ އެޖަމްޢިއްޔާތަކުގެ ރައުޔުގައި އިސްލާމް ދީނުގެ އެއްވެސް އަސްލަކާ ޚިލާފު ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ، މިނިވަން ދިމިޤްރާޠީ އިސްލާމީ މުޖްތަމަޢުތަކުގައި އަންހެން ޖިންސުގެ ފަނޑިޔާރުން ކޯޓުތަކުގައި ފަނޑިޔާރުކަން ކުރަމުން ގެންދާތާވަނީ އެތައް އަހަރެއް ވެފައެވެ. އަދި ދުނިޔޭގެ އެންމެ މުސްލިމުން ގިނަ ޤައުމު ކަމުގައިވާ އިންޑޮނީޝިޔާ އާއި އަދި ސައޫދީ އަރަބިއްޔާ ހިމެނޭ ގޮތުން މެދު އިރުމަތީގެ ގިނަ ޤައުމުތަކެއްގައިވެސް އަންހެން ޖިންސުގެ ފަނޑިޔާރުން ޝަރީޢަތް ކުރަމުން އަންނަކަން ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުންނެވެ. ޤައުމު ބިނާ ކުރުމުގެ މަސައްކަތުގައި ވަކީން ޚާއްޞަކޮށް ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އާބާދީގެ ދެބައިކުޅަ އެއްބައި ބާކީކޮށްފައި ޤައުމެއް ބިނާ ކުރެވިދާނެ ކަމަކަށް މިޕާޓީން ކުޑަކޮށްވެސް ޤަބޫލެއް ނުކުރަމެވެ. އިޤްޠިޞާދީ ކަންކަމުގެ އިތުރުން އިޖްތިމާޢީ އެންމެހައި ކަންކަމުގައިވެސް ބަސްބުނެ ގޮތް ނިންމުމުގެ ބާރު ފިރިހެނުންނެކޭ އެއް ގޮތަށް އަންހެނުންނަށްވެސް ލިބިދޭން ޖެހޭނެއެވެ. މިޕާޓީ ޤަބޫލުކުރާ އެއްމެ އަސާސީ އެއް އުޞޫލަކީ، އިންސާނަކު ނިސްބަތްވާ ޖިންސެއްގެ ސަބަބުން އެމީހަކު ކުރަން ބޭނުންވާ މަސައްކަތެއް ކުރުން އޭނާއަށް ހުރަހަކަށް ވެގެން ނުވާނެ ކަމުގެ އުޞޫލެވެ.

އަދި ދަންނަވަމެވެ. މީގެ އެތައް އަހަރެއް ކުރީންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ޝަރީޢަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން ވަނީ އައްޔަން ކޮށްފައެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޖޭ.އެސް.ސީ އަށް ނަންފުޅު ފޮނުއްވި އަންހެން ދެ ފަނޑިޔާރުންނަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައާއި ސިވިލް ކޯޓުގައި އެތައް ބައިވަރު ޝަރީޢަތްތަކެއް ކުރައްވައި އެކަމުގެ އެތައް ބައިވަރު ތަޖްރިބާތަކެއް ލިބިވަޑައިގެންފައިވާ ކުރީގެ ދެ ފަނޑިޔާރުންނެވެ.

އަދުލް އިންސާފުގެ ނިޒާމް އިޞްލާޙު ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް މިފުރުޞަތުގައި މިޕާޓީން މަރުހަބާއާ ޝުކުރު ދަންނަވަމެވެ.